English Edition
Dhivehi Edition

ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީ އަތޮޅުތެރޭގެ ހާލަތު ބެލުމަށް، ކޮންމެ އަތޮޅަކަށް ސަރުކާރުގެ މަންދޫބަކު ހަމަޖައްސަވައިފި އެވެ.

މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަތޮޅުތެރޭގެ ރަށްރަށުގައި މި ބަލި ފެތުރުން އިންތިހާއަށް އިތުރުވުމާއި އެކު ހާލަތު ބެލުން އިތުރަށް ހަރުދަނާކޮށް، ކޮންމެ އަތޮޅެއްގެ ކޯޑިނޭޝަން ވަރުގަދަ ކުރުމަށް ކޮންްމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް، މަންދޫބެއްގެ ގޮތުގައި އައްޔަންކުރަން ނިންމާފައިވާކަމަށެވެ.

އަތޮޅުތެރޭގެ ހާލަތު ބެލުމަށް ކަނޑައަޅާފައިވާ މަންދޫބުންނަކީ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ނުވަތަ ޑެޕިއުޓީ މިނިސްޓަރުންނެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ އެ ބޭފުޅުން މަސައްކަތް ކުރައްވާނީ ކައުންސިލްތަކާއި ޓާސްކްފޯސްތަކާއި ގުޅިގެންކަމަށެވެ. އިތުރަށް މިނިސްޓްރީން ވިދާޅުވީ، މަންދޫބުން މަސައްކަތްކުރަނީ އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެއުމަށްކަމަށެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ 72 ރަށެއް މިހާރުވަނީ ފުރަބަންދުކޮށްފައެވެ.