English Edition
Dhivehi Edition

އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން, ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފްލައިން ސްކޫލުގެ މައްސަލަތައް ހައްލުނުވެ ދަރިވަރުންނާއި ބެލެނެވެރިންގެ ޝަކުވާތައް އިތުރުވެފައިވާއިރު، ޓްރާންސްޕޯޓް އޭވިއޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަންއަށް ސިވިލި އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މާދަމާއިން ފެށިގެން ބާތިލުކުރުމަށް ނިންމާފައިވާކަމަށެވެ.

ހެޑް އޮފް ޓްރެއިނިން, ސުރަންޖަން ހުއްދަ ބާތިލުކުރުމަށް ނިންމާފައިވަނީ ފްލައިން ސްކުލޫގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި، ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަރާފައިވާ ބުރުތައް ހައްލުކުރުމަށް، ފްލައިން ސްކޫލުގެ މެނޭޖްމެންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރަމުން ނުދާތީ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

.އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން މި މައްސަލަ މީގެ ކުރިންވެސް ވަނީ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މި ގޮތުން އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކަައިގެ ކޮމެޓީން ވަނީ ދިރާސާކޮށް ރިޕޯޓެއް ތައްޔާރު ކޮށް މަޖިލީހަށްވެސް ހުށަހަޅާފައެވެ. ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ފްލައިން ސްކޫލާމެދު ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ނެތުމާއި ގާބިލްކަން ނެތުމެވެ.

އެ ރިޕޯޓްގައި ކުރަން ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި އޭޝިއަން އެކެޑަމި އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ކިބައިން ދަރިވަރުންނަށް ބަދަލު ހޯދައި ދިނުމާއި އެކުދިންނަށް ކިޔެވޭނެ ގޮތްތައް ހޯދައިދީ ސްކޫލް ޖަވާބުދާރީ ކުރުވުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެފަދަ އިންސްޓްޓިއުޓެއް ހިންގަން ހުއްދަ ދޭއިރު ހަރުދަނާ ގަވައިދުތަކެއް ހެދުން ހިމެނެ އެވެ.

އެ ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި 46 މެމްބަރުން ވަނީ ފެންނަ ކަމަށް ވޯޓުދެއްވާފައެވެ.