English Edition
Dhivehi Edition

އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)ގެ ދަރިވަރުންނަށް ސަރުކާރުން ލޯނު ދޫކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.

މިނިސްޓަރ ވިދާޅުވީ މޯލްޑިވިއަން ފްލައިންގ އެކަޑެމީގެ ރިފްރެޝަރ ޕްރޮގްރާމްގެ ފީއަކީ 1500 ޑޮލަރު (23,175 ރުފިޔާ) ކަމަށެވެ.

“ފީ ދައްކަން އުނދަގޫވާ، ކިޔެވުން މެދުކެނޑިފައިވާ އޭއޭއޭގެ ދަރިވަރުންނަށް ސަރުކާރުން މި ފީ ލޯނުގެ ގޮތުގައި ދޫކުރަން ވަނީ ނިންމާފަ. އައިލެންޑް އޭވިއޭޝަނުން މި ފަށާ ޕްރޮގްރާމްގަ، މި ތަނުން މި ބައިވެރިވާ ޓްރިޕަލް އޭ ފްލައިންގ ސުކޫލުގައި ކިޔަވައި، ކޯސް ނުނިމި ތިބި ދަރިވަރުންނަށް ރިފްރެޝާ ކޯހަށް ބޭނުންވާ 1500 ޑޮލަރު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ލޯނު ގޮތުގަ ދޭނެ.” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރިފްރެޝަރ ކޯސް ނިމުމުން އިތުރަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ.

އޭއޭއޭގެ ބައެއް ދަރިވަރުންގެ ކިޔެވުން އެކި ސަބަބުތަކާ ހެދި ކުރިއަށް ނުގެންދެވި ހުއްޓިފައިވަނިކޮށް އައްޑޫގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގަން ޗެކް-ރިޕަބްލިކްގެ ފްލައިންގ އެކެޑެމީ އަކާ ހަވާލުކޮށް، އެކަޑެމީއަށް ދަރިވަރުން ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

މޯލްޑިވިއަންގެ އޭވިއޭޝަން ސުކޫލުން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދިނުމަށް ނިންމާފައިވެއެވެ. ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދޭ އިރު، އޭގެ ތެރޭގައި އިސްކަން ދެނީ އޭއޭއޭގައި ކިޔެވުން މެދުކެނޑުނު ދަރިވަރުންނަށެވެ.

ފްލައިން އެކަޑެމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ ރިފްރެޝަރ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިންގ ކުރިއަށް ދާނެއެވެ.