English Edition
Dhivehi Edition
ފޮޓޯ: އައިލެންޑް އޭވިއޭޝަން

އައިލެންޑް އޭވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާ ފްލައިން ސްކޫލް ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

މި އެއްބަސްވުމުގެ ދަށުން ފްލައިން ސްކޫލްގެ ކިޔެވުން މިއަހަރު ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ފްލައިން ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާއިރު ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް މި ސްކޫލުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުނިން ހަދާފައިވާ ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ “ފްލައިން އެކަޑަމީއާ” ވަނީ ހަވާލުކޮށްފަ އެވެ.