English Edition
Dhivehi Edition

ޒިލްމާއަކީ ބްލޫޕާރލްގެ އެސިސްޓަންޓް މެނޭޖަރުގެ ގޮތުގައި ތަނުގެ މުއައްޒިފުން ބުނަމުން ދާއިރ އޭނާއަކީ ސާޖިދުގެވެސް ޕަރސަނަލް މެނޭޖަރ ކަމަށްވެސް އެމީހުން ބުނަމުން ދިޔައެވެ. އޭނާއަކީ އެ ދެމަގާމުވެސް ފުރާކަމަށް ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. އެގޮތަކީ އޭނާ ގެއަށް ދާވަގުތެއް އަންނަ އިރެއް އޮފީހުގެ އެކަކަށްވެސް ފެނިފައެއް ނުވެއެވެ. އެއީ ގެޔަށްދާލެއް ލަސްވެފައި އަންނަލެއް އަވަސްކަމުންނެވެ. މި އީ ބްލޫޕާލް ގެ ހުރިހާމުވައްޒިފުންގެ ތެރޭގައި އެންމެން ދައްކާ ސިއްރު ވާހަކައެކެވެ.

ސާޖިދާއި ރީމާ އާ ދެމެދު މި އުފެދެން ފެށި ގުޅުން އެ ދެމީހުނަށް ވުރެ ކުރީން އެނގުނީ ޒިލްމާ އަށެވެ. އޭނާގެ ލޮލަށް އެ މަންޒަރު ފެންނަނީ ވަރަށް އަލިގަދަކޮށެވެ. ރީމާގެ ބަލާލުން ތަކާއި ސާޖިދު ދޭ ސަމާލުކަން ފުޅިމަދުގަނޑެއްގައި ތޫނު ވަޅިއކުން އަޅާލާ ރޮނގެކޭ އެއްވަރަކަށް ފުންކޮށް ރިމާނާގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. ހަމައެއާއެކު އޭނާގެ ހިތުގައި ހަސަދައާއި ނަފްރަތުގަދަ އަލިފާނެއްގެ ހުޅު ރޯވެގެން އަނދަން ފަށައިފިއެވެ.

އެއީ ސަންއައިލެންޑްގެ އޮޕަނިންގ ސެރަމަނީގެ ދުވަސްވަރު ކަމުން ހީވެސް ނުކުރުހާ ގިނައަދަދަކަށް މިހުން އަންނަމުން ދެއެވެ. އެހެންކަމުން މުޅި ރަށް އޮތީ ފުރިބާރުވެފައެވެ. ރީމާވެސް ކޮޓަރިއެއް ނަގައިގެން ދެވުނު އިރު ހުރީ އިރު އޮއްސިފައެވެ. އޭނާ ކޮޓަރިއާ ހަމަޔަށް ފޯރިއިރު ހުރީ ވަރަށްބޮޑަށް ބޮލުގައި ރިއްސާފައެވެ. ކަންދިމާވި ގޮތަކުން އެވަގުތަކީ ޖެހިގެން ހުރި ކޮޓަރިން ޑޮކްޓަރ ޒިޔާންވެސް ނުކުންނެވި ވަގުތެވެ.

ރީމާއަށް ކޮޓަރިއާ ހަމަޔަށް ފޯރާވަރުވީ އިރުއޮއްސެންކާރިވެފާ ހުއްޓާއެވެ. އެއީ ވަރަށް މުހިއްމު ކަމަކާބެހޭގޮތުން ކުރަންޖެހުނު މަޝްވަރާއެއް ނިންމަންޖެހުނީމައެވެ. ރީމާ އޭނާގެ ކޮޓަރިއަށް އައިސް ވަންނަން އުޅުނުވަގުތަކީ ޖެހިގެން ހުރިކޮޓަރިން ޑޮކްޓަރ ޒިޔާން ވެސް ނުކުތް ވަގުތުކަމަށްވީ އިއްތިފާގުންނެވެ.

ޑޮކްޓަރ ޒިޔާން އަކީ އޭޑީކޭގެ ނިއުރޮލޮޖިސްޓެއްގެ ވަޒީފާގައި މިހާރު ދިވެހި ޑޮކްޓަރެވެ. ބަލާބެލުމަށް އޭނާއަކީ ޑޮކްޓަރެއްހެން ހީވުމަށް ވުރެން ބޮޑަށް ހީކުރެވެނީ އޭނާއަކީ ކޮންމެވެސް ޕްރޮފެޝަނަލް ކުޅިވަރު ކުޅުންތެރިއެއް ކަމަށެވެ. އޭނާގެ އިސްކޮޅުން ދިގުވެފައި އެހެންދިވެހީންނަށް ވުރެން ދޮންކަންއެއީ ވަރަށް ގިނަމީހުން އޭނާގެ ދަރިކޮޅާމެދު ސުވާލު އުފައްދާ ކަމެކެވެ. ވަކިން ޚާއްސަކޮށް އޭނާގެ ލޮލުގެ ކަޅި ނޫކުލައިގައި ހުންނާތީ އޭނަޔާ ޔޫރަޕާ ގުޅިފައިވާކަމަށް މީހުން ހީކުރާ ހީކުރުމަށް ޔަގީންކަމެއްލިބެއެވެ.

އައްޑުއަތޮޅުގައި އިނގިރޭސީން އުޅުނު ދުވަސްވަރު އުފަންވި ޒިޔާން ލަންޑަނަށް ކިޔަވަން ދިއުމަށް އެހީވީ އޭރުގައި ޤައުމުގައި އުޅުނު ޑޮކްޓަރެކެވެ. ޒިޔާންގެ މަންމަ އެތަނުގެ ހޮސްޕިޓަލުގެ ނަރުހަކަށް އުޅުނުދުވަސްވަރު އެދެމީހުންގެ ދެމެދުގައި އުފެދުނު ރައްޓެހިކަން ސިއްރު ކާވެންޏަކަށް ބަދަލުވިކަމެއް ގިނަމީހުންނަކަށް ނޭނގެއެވެ. ޒިޔާންގެ މިހުރިހާ ސިފައެއް ޔޫރަޕް މީހަކާ ވައްތަރުވިޔަސް އޭނާއަށް ލިބިފައިވަނީ އޭނާގެމަންމަގެ ބުޅިއިސްތަށިގަޑެވެ.

ރީމާއަށް ޒިޔާން ފުރަތަމަފެނިފައިވަނީ މީގެ ދުވަސްކޮޅެއްކުރީގައި އޭނާ އޭޑީކޭއަށް ދިޔަފަހަރުއެވެ. ރީމާގެ ބޮލުގެ ރިއްސުމުގެ އާދަޔާ ޚިލާފު ބަލިފެށުނީ ލަންޑަނުގައި ކިޔަމުން ދިޔަ ދުވަސްވަރު ޓެސްޓެއްގެތެރޭގައެވެ. އެފަހަރު އޭނާގެބޮލުގައި ރިއްސާފައި ދިމާވިގޮތަކީ ހުރިހާރައްޓެހިންގެނަން ހަނދާން ނެތުމެވެ. އަދި އެތައްއިރަކަށް އޭނާގެނަމާއި އޭނާއަކީ ކާކުކަންވެސް ނޭންގޭގޮތްވިއެވެ..

އެފަހަރު ޑޮކްޓަރުން ކުރިއެއްވެސް ޓެސްޓަކުން ރީމާގެ ސިކުނޑީގައި އެއްވެސް ގެއްލުމެއް ހުރިކަމުގެ ނިޝާނެއްނުފެނުއެވެ. އެހެންކަމުން އެކަމަކަށް އެއްވެސް ފަރުވާއެއް ނުކުރެއެވެ. ވަގުތީގޮތުން ހަނދާން ނެތުމުގެ މަސްއަލަ އޭގެ އަނެއްދުވަހު މުޅިންރަގަޅުވީއެވެ. އަދި އެފަހަރު އޭނާހެދި ޓެސްޓުންވެސް އެއްވަނައިގެ ކާމިޔާބެއް ހޯދިއެވެ. މިކަން މިހެން ދިމާވުމަކުން އޭނާގެ ވިސްނުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިމާވާ މައްސަލައަކީ ދޭތެރެއަކުން މި ރިއްސާ ރިއްސުމެވެ.

ރީމާ އެދުވަހު އޭޑީކޭއަށް ދިޔައީވެސް މިހެން ބޮލުގެރިއްސުމެއްފެށުނީމައެވެ. އެކަމަކު އެފަހަރުވެސް އެކަންމާބޮޑުކަމަކަށް ނުވިއެވެ. ޑޮކްޓަރ ޒިޔާން އާއެކު އޭނާހޭދަކުރި 2 ގަޑިއެއްހާއިރު ގެ ތެރޭގައި އޭނާއަކަށްވެސް މިބަލީގެސިއްރެއް ނުހޯދުނެވެ. އެހެންނަމަވެސް މިމައްސަލަ ތަކުރާރުވާން ފަށައިފިނަމަ އޭނާ ވަކި ޚާއްސަ ޓެސްޓެއް ހަދަން ބޭނުން ކަމަށްވަނީބުނެފައެވެ. އެދުވަހު އެތަނުން ޑޮކްޓަރ ޒިޔާންއާ ދިމާވުމުން ރީމާ ކުރެން އޭނާގެ ހާލުއޮޅުން ފިލުވުމަށް ޑޮކްޓަރ ބޭނުންވިއެވެ. ބަލިމީހުން ބަލާ ކޮޓަރިއެއް ނޫނަސް އޭނާ ކުރީ ބައްޔާ ބެހޭގޮތުން ކުރަން ޖެހޭކަހަލަ ސުވާލުތަކެކެވެ. ރީމާ އާއި ޒިޔާން ވަރަށް ސީރިޔަސް ވާހަކައެއް ގައި ކޮޓަރީގެ ދޮރުމަތީގައި ތިބެފައި އެތެރެއަށް އެކުއެކީގައި ރީމާގެ ކޮޓަރިއަށް ވަންތަން ކަމާކަންފަށާ ބަލަންހުރި ޒިލްމާއަށް ވަރަށް ރީއްޗަށް ފެނުނެވެ.

މެހުމާނުންނަށް ފަރިއްކޮޅު ހަމަޖެހިފައި އޮތީ މޭން ރެސްޓޯރަންޓް އިންނެވެ. 7:30 އިން ފެށިގެން ބުފޭ ފެށިގެން ކުރިއަށް ދިޔައެވެ. އެ ބޮޑު ރެސްޓޯރެންޓް އެއްކޮށްހެން އޮތީ ފުރިބާރުވެފައެވެ. ތަފާތު މީރު ބާވަތް ބާވަތުގެ ކެއުންތައް ދިގު މޭޒުގައި އެތުރިފައި ހުއްޓެވެ. ހަނާކުރި މަހާއި ރޯސްކުކުޅާއި ފެނުކެއްކި އިހިވެސް އެމޭޒުމަތީގައި ތައްޔާރުވެފައި ހުށްޓެވެ. ބުފޭ މޭޒާ ޖެހިގެން ހުރީ ސަލަޑްއާއި ފޮނިކާތަކެތި ބަހަށްޓާފައި ހުރި މޭޒެވެ.

ރޭގެ ކެއުމަށް ދައުވަތު ދެވިފައިތިބި އެންމެންވެސް ތިބީ ވަރަށް ރީތިވެލައިގެންނެވެ. ދިވެހި ހެދުމާއި ޔޫރަޕްގެ އެންމެ ޒަމާނީ ހެދުންތައް އެއްހޯލަކުން މަސްހުނިވެ ދެފަރާތަށް ހަލުއިކަމާއެކު ހެލިފެލިވަމުން ދިޔައެވެ. ބަންޑުން ބާއްވާފައިވާ ބޮޑު ފޫނާށްޓެއްހެން ފަނުން ހަދާފައިވާ ފުރާޅުގެ ސީލިންގްގައި ހަރުކުރެވިފައި ހުރި ކުލަކުލައިގެ ބޮކިތަކުގެ އަލި އެއެންމެންގެ ގަޔަށް އެޅެމުންދިޔައީ މާހައުލާ ގުޅުވާފައިވާ ހިތްގައިމު މިއުޒިކްގެ ހަމައަށެވެ.

ސާޖިއާއި އަދިވެސް ބައެއް ރައްޓެހިން ވަކި މޭޒެއް ނަގައިގެން ކެއުމާއި ސަމާސާ ކުރުމާއި މަޖަލުގައި ވަގުތު ހޭދަކުރަމުންދިޔައެވެ. އޭރު ސާޖިދު އެތަނަށް ވަންނަ މެހުމާނުންގެ ކިއޫއަށް ސަމާލުކަމާއެކު ބަލަމުންދާތަން ޒިލްމާ ފާހަގަ ކުރިއެވެ. އަދި ސާޖިދު އެ އިންތިޒާރު ކުރަނީ ރީމާއަށްކަން ވެސް އޭނާއަށް އެނގެއެވެ. ރީމާ ނައިސް ލަސްވަމުން ދިއުމަކީ ޒިލްމާއަށް ލިބެމުންދާ އުފަލެކެވެ. އޭނާއަށް މި އަދު އިރާކޮޅު އެ ފެނުނު މަންޒަރަކީ ހަގީގަތުގައިވެސް ތަވާގެ ތެރޭން އެރި އަލިފާންކަންޏެއް ނޫންކަން އެނގުމުން އޭނާގެ ހިތް އުފަލުން ފޮޅުނެވެ.

ޒިލްމާ އިނީ ކޮޅުނެއްކޮޅަށް ރީތިވެފައެވެ. އޭނާގެ އިސްތަށިގަނޑު ކެނބެއްހެން އޮޅާފައި ބޯމަތީގައި ބާއްވާފައިއޮތެވެ. ތުންފަތުގައި ކުލަޖައްސާ ކޯތާފަތަށް ބްލަޝް އަރުވާފައި ހުއްޓެވެ. ލައިފައި ހުރި ހެދުން ގަޔަށް ބާރުކަމުން ނޭވާލާންވެސް ދަތިވާހާވެއެވެ.

ސާޖިދު ކެއްތެރިކަމެއް ނެތި ރީމާއަށް އިންތިޒާރު ކުރަމުން ދިޔައިރު ޒިލްމާ މަސައްކަތް ކުރަމުންދަނީ ސާޖިދުގެ ސަމާލުކަން އޭނައަށް އަނބުރާލެވޭތޯއެވެ.

“ރީމާ މިރޭ ކެއުމުގެ ޝައުގެއްވެސް ނެތްހެން ހީވަނީ”. އެންމެ ފަހުން ޒިލްމާއަށް އޭނާގެ ހިތުގައި އެވާހަކަ ނުބޭއްވިގެން ބުނެލިއެވެ.” އަހަރެން ހަވީރު ރީމާ ދުށިން ބިޓަކާ އެކީގައި ހުއްޓާ”.

މި އަޑު އިވުމާއެކު މީހަކު އެއްލި ފެންކޮތަޅަކުން ޖެހުނުހެން ހީވާފަދައަކުން ސާޖިދު ސިހިގެން ދިޔައެވެ. “ބިޓެކޭ. ރީމާގެ ބިޓެއް ނުހުންނާނެ”.

“އަޅުގަނޑުވެސް ހީކުރީ ތިޔަހެން. އެކަމަކު މިއަދު ހަވީރު އަހަރެން ދުށިން”. ޒިލްމާ މިހެން ބުނެ ނުނިމެނީސް ސާޖިދު އަހާލިއެވެ. “ކާކާ އެކީގައި ކޮންކަމެއް؟”

“އެއީ އަޅުގަނޑަށް ހީވި އެއްޗަކަށްވެސް ވެދާނެ”. ސާޖިދު އެންކޮޅު ކާލިކަން އެނގުމުން ޒިލްމާ ދޫދީފައި ވާންކޮށްލިއެވެ. ” އެކަމަކު އެ ފިރިހެން ކުއްޖާ ހުރީ ރީމާއާ ވަރަށް ކާރީގަ. އޭނާގެ މޫނު ޖެހޭ ނުޖެހޭހާ ކާރި ކޮށްލިތަން އަޅުގަނޑަށް ފެނުނު. ރީމާގެ ކޮޓަރިއަށް އޭނާ ވަންއިރު އޭނަގެ އަތްތިލަ ރީމާގެ ބުރަކަށީގައި ޖައްސާފައި ހުރި. އަޅުގަނޑު އެތަނުން ދިޔައީ އެދެމީހުން އެތެރެއަށް ވަދެ ދޮރުލެއްޕިތާ އެތައް އިރެއްވީ ފަހުން”.

ސާޖިދު ހުރީ ނޭވާވެސް ނުލެވިފައެވެ. އެހާ އަވަހަށް އަލަށް ފެނުނު އަންހެން ކުއްޖަކާމެދު އެވަރުގެ ފުން އަސަރުތަކެއް އޭނައަށް ކުރުވި ކަމީ ހައިރާންވާ ކަމެކެވެ. އެހެންނަމަވެސް ރީމާ ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް ސާޖިދު ވަނީ އޭނާއަށްޓަކައި ފިދާވެވިފައެވެ. އޭގެ އިތުރުން ލޯންޗް ތެރޭގައި މިއަދު ދެކެވުނު ވާހަކަތަކުން އޭނާގެ ހިތް އެކުގައިވަނީ ރީމާއަށް ހަދިޔާ ކުރެވިފައެވެ.

“ތި ނުވާނެ ރީމާ ކަމަކަށް”. ސާޖިދު ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. “ތިވާނީ ކަލެއަށް އެރި އޮޅުމަކަށް”.

“ލައްބަ!”. އަޅުގަނޑަށްވެސް ހީވަނީ އެއީ ރީމާއާ ވައްތަރު ކުއްޖެއްހެން.

ޒިލްމާ މިހެން ބުނީ ޖެއްސުމުގެ ހިނިތުންވުމަކާއެކުގައެވެ.

އެއީ ހަގީގަތެއް ނޫންނަމަ ރީމާ އައީސް ނޫންހޭ ޚުދު ސާޖިދުގެ ހިތަށްވެސް އަރަމުން ދިޔައެވެ.

ކޮޓަރިއަށް ވަދެ ރީމާ އެނދުގައި ބޭއްވުމަށްފަހު ޑޮކްޓަރ އޭނާގެ ނިއްކުރީގެ ދެފަރާތުގައި މަޑުމަޑުން ފިތަން ފަށައިފިއެވެ. މިހެން ހެދުމުން ރިއްސުން ކުޑަވެގެން ދިޔަކަން ރީމާއަށް ފާހަގަ ކުރެވުނެވެ. ވީ ލުޔާއެކު އޭނާއަށް ފުން ނޭވާއެއް ދޫކުރެވުނެވެ.

“މިހާރު ރަނގަޅުވެއްޖެ”. ރީމާ ތެދުވަން އުޅުނެވެ. އެހެންނަމަވެސް ޑޮކްޓަރގެ އަތުން އޭނާގެ ބޮލުގައި ހިފަހަށްޓާފައި ހުރި ބާރުކަމުން އޭނައަކަށް ނުތެދުވެވުނެވެ. ރީމާ ޒިޔާންއަށް ބަލާލިއިރު އޭނާގެ މޫނުމަތީން ފެންނަން ހުރީ ޑޮކްޓަރ ވަންތަ ހަރުކަށި ގޮތެކެވެ. ރީމާ އަކަށް ޑޮކްޓަރުންގެ މޫނުން ފެންނަން ހުންނަ މި ސިފައާ މެދު ނުރުހުންވެވެއެވެ. އޭނާ ޑޮކްޓަރުންނަށް ދައްކާހިތް ނުވަނީ އެމީހުންގެ ކިބައިން ފެންނަ މި ބިރުވެރި ސިފައަކާ ހެދިއެވެ.

-ނުނިމޭ-