English Edition
Dhivehi Edition

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ، ފެންގަނޑު އަދިވެސް އެއްކޮށް ހިންދާލެވިފައިނުވާއިރު، މިކަމަށް ބޭނުންކުރާނެ އިތުރު ފަސް ޕަމްޕު މިހާރު އެ ސިޓީ އަށް ފޮނުވާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ ނުހިނދި އޮންނަތާ މިއަދަށް ފަސްދުވަސް ވެފައިވާއިރު އެ ސިޓީގެ ބިންގަނޑު ތިރި ސަރަހައްދުތަކުން އަދިވެސް ފެން ހިންދާނުލެވޭ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އަދި އެންޑީއެމްއޭ އިން ބުނީ ފެން ހިންދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށާއި މި މަސައްކަތް އަވަސްކުރުމުގެ ގޮތުން މިހާރު އެ ރަށަށް އިތުރު ފަސް ޕަންޕް ގެނެއުމަށް ނިންމާފައިވާ ކަމަށެވެ،

ރައީސް އޮފީހުގެ ވަޓްސްއެޕްގެ ގްރޫޕްގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްވެސް ވަނީ މިކަން ޔަގީންކޮށްދެއްވާފައެވެ. މި ގޮތުން މަބްރޫކް ވިދާޅުވީ ފުވައްމުލަކުގެ ފެންހިންދުމުގެ މަސައްކަތަށް އެންޑީއެމްއޭ އިން ފަސް ޕަންޕާއި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއް ޕަންޕު ފޮނުވާނެ ކަމަށާއި މި ތަކެތި މިރޭ އެ ރަށަށް ގެންދާނެކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަށް، ފެން ހިންދުމަށްޓަކައި ހަތަރު ޕަންޕު މިދިޔަ އަހަރުވެސް ފޮނުވާފައިވާކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނީ އެ ރަށުގައި ފެންހިންދާ ނިޒާމެއް ބެހެއްޓިގެން ކަމަށެވެ.