މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 151 ގެއަކަށް ފެންވަދެފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިރޭ ބުނީ މެދުނުކެނޑި ވޭތުވެދިޔަ 24 ގަޑިއިރު އައްޑޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫގެ އެކި އަވަށްތަކުގައި ފެންބޮޑުވެ، ގިނަ ގެތަކަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށާއި، ހާލުގައި ޖެހުނު ގެތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ފެންބޮޑުވެގެން ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ސިޓީ ކައުންސިލުން އަދި ރައްޔިތުން ގުޅިގެން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މިހާތަނަށް ފެންބޮޑުވެގެން ރެކޯޑްވެފައި ވަނީ ފޭދޫގެ 93 ގެއަކާއި، މަރަދޫފޭދޫގެ 19 ގެއަކާއި، މަރަދޫގެ 11 ގެއެއްގެ އިތުރުން ހިތަދޫގެ 28 ގެއެއް ކަމަށެވެ. އަދި ހާލުގައި ޖެހުނު ގެތަކުގެ 400 މީހުންގެ ރޯދަވީއްލުން ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވާއިރުވެސް، މިހާތަނަށް އެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ. ކުރިން އަޅާފައި ހުންނަ ގެތަކަށްވުރެ އުސްކޮށް މަގުތައް ހަދައި، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފެން ހިންދުމުގެ ނިޒާމު ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން މަގުތަކަށް އެޅޭ ފެން ގޯތިތަކަށް ވަދެ، މީހުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ މިރޭ 21:00 އިން 01:00 އަށް ލ. އަތޮޅުން އައްޑޫ ސިޓީ އަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި މިރޭ 19:00 އިން 01:00 އާއި ހަމައަށް ކ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ.