މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 636 ގެއަކަށް ފެންވަދެފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެގޮތުން އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ފެންބޮޑުވެގެން ރެކޯޑްވެފައި ވަނީ ފޭދޫގެ 544 ގެއަކާއި، މަރަދޫފޭދޫގެ 44 ގެއަކާއި، މަރަދޫގެ 20 ގެއެއްގެ އިތުރުން ހިތަދޫގެ 28 ގެއެކެވެ.
UPDATE: Mihaathanah Addu City gai fenboduvegen record kurevifai vanee
1. Hithadhoo 28 ge
2. Maradhoo 20 ge
3. Maradhoofeydhoo 44 ge
4. Feydhoo 544 ge pic.twitter.com/ugWh1JcQVQ— Addu City Council (@AdduCityCouncil) May 16, 2020
ފެންބޮޑުވެގެން އެންމެ ގިނައިން ރެކޯޑްކުރެވިފައި ވަނީ ފޭދޫގެ ގެތައް ކަމަށްވާއިރު، ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން ވަނީ ހާލުގައި ޖެހުނު ގެތަކުގެ 400 މީހުންގެ ރޯދަވީއްލުން ހަމަޖައްސައިދީފައެވެ.
އައްޑޫގައި ފެންބޮޑުވެގެން ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ސިޓީ ކައުންސިލުން އަދި ރައްޔިތުން ގުޅިގެންނެވެ.
އައްޑޫ ސިޓީގައި ގެންބޮޑުވެގެން ގެއްލުންވީ ފަރާތްތަކަށް އެހީގެ ގޮތުގައި އަލްމަރުޙޫމް ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން ވަނީ 100،00 ދިވެހި ރުފިޔާ އެހީގެ ގޮތުގައި ދީފައެވެ. އެ ފައިސާ އެ ފައުންޑޭޝަނުން ވަނީ ރޭ ސިޓީ ކައުންސިލަށް އޮންލައިންކޮށް ޖަމާކޮށްދީފަ އެވެ.
އެކަމާއި ގުޅިގެން ކައުންސިލުން ބުނީ އެ އެހީ ވީހާވެސް އަވަހަކަށް ގެއްލުންވީ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.
އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވާއިރުވެސް، މިހާތަނަށް އެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ. ކުރިން އަޅާފައި ހުންނަ ގެތަކަށްވުރެ އުސްކޮށް މަގުތައް ހަދައި، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފެން ހިންދުމުގެ ނިޒާމު ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން މަގުތަކަށް އެޅޭ ފެން ގޯތިތަކަށް ވަދެ، މީހުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.