English Edition
Dhivehi Edition
މާލޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޙަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިރޭ 18:36 ހާއިރު އެސްޓީއޯ ފުށް ގުދަން ސަރަޙައްދުގައި ފެންބޮޑުވުމާއި ގުޅިގެން ޕަމްޕް ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަނުމުގެ ސަބަބުން މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ބައެއް ރަށްރަށަށް އުދަ އެރުމުގެ ހާދިސާތައްވެސް ވަނީ ހިނގައިފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު 22:00 އިން 02:00 އާއި ހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެވަގުތަކުގައި އެ ސަރަޙައްދުތަކަށް ވިލާގަނޑުގައި 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.