English Edition
Dhivehi Edition
ފޭދޫ ވޯޓު ފޮށި ކައިރީގައި އޮފިޝަލުން ހަރަކާތްތެރިވަނީ/ފޮޓޯ އޭއޯނިއުސްއިން ޒީން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުން ކަނޑައެޅުމުގައި އަމަލު ކުރަންވީ ގޮތް އެ ޕާޓީން ނިންމައިފިއެވެ.

ޕީޕީއެމް އިން ބުނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެންބަރުންގެ އަދަދު އެކަކަށްވުރެ ގިނަ ނަމަ، އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއް މެންބަރަކަށް އިއްތިފާޤުވެވޭނަމަ އެ މެންބަރަކަށް ތާއީދުކޮށް ވޯޓު ދިނުމަށް އެދޭކަމަށެވެ.

މި ގޮތަށް އިއްތިފާޤުނުވެވޭނަމަ، އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާ އެންމެ ގިނަ ވޯޓު ލިބޭ މެންބަރަކަަށް ހުރިހާ މެންބަރުންވެސް ތާއީދުކޮށް ވޯޓު ދިނުމަށް އެދޭކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޕާޓީންވަނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ މެންބަރެއްނަމަ އެ މެންބަރަކަށް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކޮށް ވޯޓު ދިނުމަށް އެދިފައެވެ.