English Edition
Dhivehi Edition

އައްޑޫ ސިޓީގައި އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އިން ހިންގާ ފްލައިން ސްކޫލުގެ ދެ އިސްވެރިޔަކަށް ފިޔަވަޅު އަޅައި، ދަރިވަރުންގެ ލޯނުތަކަށް ލުއި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ފްލައިންގް ސްކޫލްގެ މައްސަލަތަކާ ގުޅިގެން ރައީސް ނިންމަވާފައިވާ ކަންކަން ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ސްކޫލާއި ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފްލައިން ސްކޫލުގެ މައްސަލަތައް ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން ފަރާތަކުން އޮޑިޓެއް ހަދައި، މިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވާނަމަ އިހުމާލުވި ފަރާތްތަތާ މެދު ފިޔަވަޅު އަޅަން ވެސް ރައީސް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނުތައް، މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން، ފިނޭންސް މިނިސްޓްރީއަށްވެސް ރައީސް އަންގަވާފައިވާކަމަށެވެ.