English Edition
Dhivehi Edition

ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ފަރާތްތަކުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލު ބަދަލުކޮށްފިއެވެ.

މިމަހުގެ 16 ވަނަ ދުވަހު އެޗްޕީއޭ އިން ނެރެފައިވާ އުސޫލެއްގައި ބުނެފައިވާ ގޮތުގައި ފަތުރުވެރީން ހިމެނޭ ގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާ އިރު ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނާކަށް ނުޖެހެއެވެ.އަދި ކަރަންޓީންވާކަމަށްވެސް ނުޖެހެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ހާލަތު ގޯސްވެ ރާއްޖެއިން ވެސް ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނައިރު، ރޭ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭ އިން ނެރުނު އެންގުމުގައިވަނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ފަތުރުވެރިންނާއި ކޮވިޑުގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންވެސް ރާއްޖެ އަންނައިރު 96 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި މި އުސޫލަށް އަމަލުކުރި ނަމަވެސް އޭގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދީން ނުހިމެނޭނެ ކަމަށް ވަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ މިފިޔަވަޅު އެޅިނަމަވެސް، ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެކަމަށާއި އެފިޔަވަޅު ތަންފީޒުކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ފުލުހުންގެ އިތުރުން ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަަމަށެވެ.