ބިގް ބޮސް ސީޒަން 14 އިން އެކުގައި ފެނިގެން ދިޔަ މަޝްހޫރު ޓީވި ތަރި އަލީ ގޯނީ އާއި ޖެޒްމިން ބާސިން ވަރަށް އަވަހަށް ކައިވެނިކުރުމަށް ނިންމާފާއިވާކަމަށް އަލީ ގޯނީ ބުނެފިއެވެ.
ބިގް ބޮސް ދެއްކި ދުވަސްވަރުވެސް ޖެޒްމިން އާއި އަލީ ރައްޓެހިވެގެން އުޅޭކަމުގެ ހަބަރުތައްމީޑިއާގައި ފެތުރިފައިވީނަމަވެސް އޭރު އެއްވެސް ތަރިއަކު މި ގުޅުމާއި ބެހޭ ގޮތުން ވާހަކަދައްކާފައެއް ނުވެއެވެ.
ފުރަތަމަ ފަހަރަށް މި ދެ ތަރިންގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އަލީ ބުނީ ޖެޒްމިން އާއި ކައިވެނިކުރުމަށް އޭނާ ނިންމާފައިވާކަމަށާއި ދެމީހުން މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް ތާރީހެއް އިއުލާން ކުރާނެކަމަށެވެ. “އަހަރެން މީހަކާއި ކައިވެނި ކުރަންޏާ ކުރަންވީ ފަރާތަކީ ޖެޒްމިންކަން މިހާރު ޔަގީންވެއްޖެ. އަދި ކައިވެނީގެ ތާރިހު ނިންމާފައި ނުވި ނަމަވެސް ވަރަށް އަވަހަށް ތާރީހެއް ކަނޑައަޅާނަން.” އަލީ ބުންޏެވެ.
އަލީ އާއި ޖެޒްމިން ވަނީ ސޯނީ ކައްކަރުގެ “ތެރާ ސޫޓް” ކިޔާ ލަވައަކުންވެސް އެކުގައި ފެނިގެން ގޮސްފައެވެ. މި ލަވަ އޮންލައިންކޮށް ނެރޭނީ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އަލީ ފެނިގެން ދިޔަ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި ޔޭހޭ މޮހާބަތޭން ހިމެނޭ އިރު ޖެޒްމިން ފެނިގެން ދިޔަ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި ނާގިން5 ހިމެނެއެވެ.