English Edition
Dhivehi Edition

ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 13 ވަނަ ސީޒަން އަންނަ އާދިއްތަ ދުވަހު ދެއްކުމުގެ ތައްޔާރުވަމުން އަންނަ އިރު މި ޝޯގެ 12 ސީޒަން ނިންމާލީ ބޮޑެތި ކާމިޔާބީތަކާއެކުގައެވެ.

މި ގޮތުން މިޝޯގައި ގިނަ ބަޔަކަަށް އެމީހުންގެ ހަޔާތުގެ ބައިވެރިންނާއި ދިމާވެފައިވާ އިރު ޝޯގެ ތެރޭގައި ލޯބީގެ ގިނަ ހާދިސާތަކެއްވަނީ ހިނގާފައެވެ. އެކަކު އަނެކަކަށް އޮންނަ ލޯތްބާއި، ރުޅިވެރިކަމާއި، ހަސަދައާއި، ކުލުނު ފެނިގެންދާ މި ޝޯގެ ތެރެއިން ލޯބިވެރިން ހޯދާފައިވާ ތަރިންގެ ތެރޭގައި ފާހަނަގަކޮށްލެވޭ ތަރިންނަށް ބަލާލަމާ ހިގާށެވެ.

ޕްރިންސް ނަރުލާ – ޔުވިކާ ޗޯދްރީ: 2015 ވަނަ އަހަރު ބިގްބޮސް ޝޯގެ ތެރެއިން ދިމާވެ ޕްރިންސް، ޔުވިކާއަށް ލޯބި ހުށަހަޅާފައިވަނީ ހިތުގެ ބައްޓަމަށް އޭނާ ދަމާފައިވާ ރޮއްޓެއް ޔުވިކާއަށް ދެމުންނެވެ. އެ އަހަރުގެ ބިގްބޮސް ކާމިޔާބުކުރި ޕްރިންސް އާއި ޔުވިކާ ޝޯ ނިމުމާއެކު ކައިވެނިކޮށްފައިވާއިރު އެ ދެމީހުންވަނީ ނަޗްބަލިއޭ 09 ގައިވެސް ބައިވެރިވެފައެވެ.

ކުޝާލް ޓަންޑަން – ގޯހަރު ޚާން : ބިގްބޮސް ސީޒަން 7 ގައި އެންމެ ގިނައިން ޒުވާބުކޮށް އެކަކު އަނެކަކަށް މަލާމްތަ ކުރި ބައިވެރިންގެ ތެރޭގައި ކުޝާލް އާއި ގޯހަރު ހިމެނެއެވެ. އެހެންނަމަވެސް ޝޯގެ ތެރެއިން ދެމީހުންގެ ރުޅިވެރިކަން ނިމުމަކަށްއައިސް ޝޯ ނިމުނު އިރު މި ދެމީހުން ވެފައިވަނީ ވަރަށް ގުޅޭ ޖޯޑަކަށެވެ.އެހެންނަމަވެސް ޝޯ ނިމުމާއެކު މި ދެތަރިންގެ ގުޅުންވެސް ނިމިގެން ދިޔައީ ދެމީހުންގެ ދީނުގައި ހުރި ތަފާތުތަކުގެ ސަބަބުންނެވެ.

ވީނާ މަލިކް – އަޝްމީތް ޕަޓޭލް: ޕާކިސްތާނުގެ ބަތަލާ ވީނާ އާއި އަޝްމީތްގެ ލޯބީގެ ގުޅުން ޝޯގެ ތެރެއިން ފެށިގެން ދިއުމާއެކު ފާޅުގައި ދެމީހުންވެސް ވަނީ ޝޯގެ ތެރޭގައި އެކުގައި އުޅެން ފަށާފައެވެ. އަދި ބައެއްފަހަރު މި ދެ ބައިވެރިންގެ އަމަލުތައް ހުންނަ ގޮތުން ސަލްމާން ހާންއަށް ޝޯ އަކީ އާއިލީ ޝޯއެއްކަމާއި އަހްލާޤީ މިންގަޑު ވަކި ހަމަތަކެއްގައި ހިފެހެއްޓުމަށް ނަސޭހަތްވެސް ދީފައިވެއެވެ. މި ދެ ތަރިންގެ ލޯބީގެ ގުޅުން މާ ގިނަ ދުވަހަކު ކުރިއަށް ނުގެންދެވި ނިމިފައިވާއިރު މީހާރު ވީނާ ވަނީ އަރަބި ވިޔަފާރިވެރިއަކާއި ކައިވެނިވެސް ކޮށްފައެވެ.

ތަނީޝާ މުކަރްޖީ – އަރްމާން ކޯލީ: 2013 ވަނަ އަހަރު ދެއްކި ބިގްބޮސް ސީޒަންގައި މި ދެތަރިން ކުރަމުން އައި ޒުވާބު ނިމިގެންދިޔައީ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވެގެންނެވެ. އެހެންނަމަވެސް ތަނީޝާގެ އާއިލާ މީހުން މި ގުޅުމާއި ގަބޫލު ނުވުމުގެ ސަބަބުން އެ ގުޅުންވަނީ ދާދި އަވަހަށް ނިމިފައެވެ.

ކަރިޝްމާ ތައްނާ – އުޕޭން ޕަޓޭލް: ކަރިޝްމާ ބިގްބޮސް ޝޯ އަށް އައިރުވެސް އުޅެނީ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. އެހެންނަމަވެސް ޝޯގެ ތެރެއިން އުޕޭން އާއި ރައްޓެހި އޭނާވަނީ ކުރީގެ ލޯބިވެރިޔާ ދޫކޮށްލާފައެވެ. އަދި ޝޯ ނިމުމާއެކު ދެ ތަރިން އެންގޭޖްވި ނަމަވެސް އެ ގުޅުން ކައިވެންޏާއި ހަމައަށް ނުގެންދެވި އެންގޭޖްމެންޓްވަނީ ރޫޅާލާފައެވެ.