English Edition
Dhivehi Edition

ރާވާފައިވާ ގޮތަށް ހުރިހާ ކަމެއްވެސް ރަގަޅަށް ގޮސްފިނަމަ މި އަހަރުގެ ތެރޭގައި ކައިވެނިކުރަން ނިންމާފައިވާކަމަށް އިޖާޒް ޚާން ބުނެފިއެވެ.

ކަލާޒްއިން މިހާރު ގެނެސްދެމުންދާ ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 14 ވަނަ ސީޒަނުން ދިމާވެ، ޕަވިތުރަ ޕުނިއާ އާއި އިޖާޒްގެ ގުޅުން ފެށިގެން ދިޔައިރު ދާދި ފަހުން ދިން އިންޓަވިއުއްގައި އިޖާޒްވަނީ މިހާރު ބިގް ބޮސްގެ ކުރީގެ ބައިތައް ބެލާލުމުން އޭރުވެސް އޭނާ ޕަވިތުރަ ދެކެ ހަގީގަތުގައި ރުޅިނާންނަކަމުގެ އިހްސާސްތަކެއް ކުރެވިގެން ދިޔަކަމަށެވެ. އަދި އެ ޝޯގައި ދެމީހުން ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކުވެސް އިޖާޒްގެ މޫނުމަތީގައި ހިނިތުންވުމެއް ހުންނަ ހަގީގީ ސަބަބު އެގިގެން ދިޔަ ކަމަށް އިޖާޒްވަނީ ބުނެފައެވެ،

ބޮގް ބޮސް ގެއިން ބޭރުވުމަށް ފަހު މި ދެ މީހުން އެކުގައި ދިރިއުޅެމުންދާ ކަމުގެ ވާހަކަތަކެއްވެސް ފެތުރިފައިވާއިރު އިޖާޒް ބުނެފައިވަނީ ޕަވިތުރައާއި ފުރަތަމަ ބައްދަލުވި ދުވަހުވެސް އޭނާއަށް ހިތްކިޔާ ގޮތެއް ހުރި ކަމަށެވެ. އަދި ޝޯގެ ތެރެއިން ދެ މީހުންގެ ގުޅުން ދުވަހުން ދުވަހަށް ބަދަހިވަމުން ދެމީހުންގެ އިހުސާސްތައް ހިއްސާކުރެވޭ ހިސާބަށް ގޮސް އެ ގުޅުމަށް އިތުރު ނަމެއް ދޭން ބޭނުންވީކަމަށްވެސް އިޖާޒްވަނީ ބުނެފައެވެ.

ޓީވީ ސިލްސިލާތަކުގެ އިތުރުން ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކުންވެސް ފެނިގެން ގޮސްފައިވާ އިޖާޒް ބުނީ އެ ދެމީހުންނަށް، އެކަކު އަނެކަކު ވަރަށް ބޮޑަށް ދަސްވެފައިވާކަމަށާއި މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.