English Edition
Dhivehi Edition

އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުން ބޭނުންކުރާނެ އެއްވެސް ބޯޓެއް ނެތްކަމަށް އެ ތަނުގެ ދަރިވަރުންގެ ޔޫނިއަނުން މިއަދު ބުނެފި އެވެ.

ދަރިވަރުންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެތަނުގައި ބޭނުންކުރެވޭނެ އެއްވެސް ބޯޓެއް ނެތް ކަމަށާއި އަދި މިކަން އެ އެކަޑަމީ އިން ދަރިވަރުންނަށް އަންގާފައި ނުވާކަމަށެވެ. އެ ތަނުގައި ބޯޓެއް ނެތްކަން ކިޔަވާ ދަރިވަރުންނަށް ކަށަވަރުކޮށް ދިނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ މިއީ އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރަން ދިމާވެފައިވާ ގޮންޖެހުންތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ 18 މަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހޭ ކޯހެއް ބައެއް ދަރިވަރުންނަށް ހަތަރު އަހަރުގެ ތެރޭގައި ވެސް ފުރިހަމަކުރެވިފައި ނުވާކަމަށާއި މިއީ ދަރިވަރުންގެ ފަރުވާ ކުޑަކަމުން ވީ ކަމެއް ނޫންކަމެށެވެ. އަދި މިކަމުގައި އޭއޭއޭ ގެ އިހުމާލު ވަރަށް ބޮޑުކަމަށް ދަރުވަރުން ވަނީ ފާހަގަކޮށްފައެވެ.

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން މި މައްސަލަ މީގެ ކުރިންވެސް ވަނީ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މި ގޮތުން އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކަައިގެ ކޮމެޓީން ވަނީ ދިރާސާކޮށް ރިޕޯޓެއް ތައްޔާރު ކޮށް މަޖިލީހަށްވެސް ހުށަހަޅާފައެވެ. ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ފްލައިން ސްކޫލާމެދު ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ނެތުމާއި ގާބިލްކަން ނެތުމެވެ.

އެ ރިޕޯޓްގައި ކުރަން ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި އޭޝިއަން އެކެޑަމި އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ކިބައިން ދަރިވަރުންނަށް ބަދަލު ހޯދައި ދިނުމާއި އެކުދިންނަށް ކިޔެވޭނެ ގޮތްތައް ހޯދައިދީ ސްކޫލް ޖަވާބުދާރީ ކުރުވުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެފަދަ އިންސްޓްޓިއުޓެއް ހިންގަން ހުއްދަ ދޭއިރު ހަރުދަނާ ގަވައިދުތަކެއް ހެދުން ހިމެނެ އެވެ.

އެ ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި 46 މެމްބަރުން ވަނީ ފެންނަ ކަމަށް ވޯޓުދެއްވާފައެވެ.