ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކޮވިޑް 19 ވެކްސިން ޖަހަން ދެކޮޅު ހެއްދެވި ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އާންމު ކުރި މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަމަށް އެމަނިކުފާނުންގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެކްސިން ޖެހުމަށް ޔާމީން މާލެ ގެނައީ ރޭ 9:45 ހާއިރު ކަމަށާއި އެކަމަކު އެކަމަށް އިންކާރު ކުރެއްވުމުން އަނބުރާ މާފުށީ ޖަލަށް ގެންދިޔައީކަމަށެވެ.
އެހެންނަމަވެސް މި ވާހަކަތައް ދޮގުކޮށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ދޮގު މައުލޫމާތެއް ކަރެކްޝަންސް އިން ދީފައިވަނީ ރައީސް ޔާމީން ބަދުނާމު ކޮށް އަގު ވައްޓާލަންކަމަށާއި އެއީ ކަން ހިނގި ގޮތް ނޫންކަމަށެވެ. އެ ބަޔާނުގައި ކަން ހިނގާދިޔަ ގޮތް ހާމަކުރަމުން ބުނެފައިވަނީ ކޮވިޑް ވެކްސިން ޖަހަން ކަމަށް ބުނެ ރައީސް ޔާމީން ރޭގެ ވަގުތެއްގައި މާލެ ގެނެސް އެއް ނަމްބަރު ޖެޓީ ސަރަހައްދުގެ ފަޅުތެރޭގައި، ޓްރާންސްޕޯޓު ހަމަ ނުޖެހޭ ކަމަށް ބުނެ ގިނަ އިރުތަކެއްވަންދެން އޮތްކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވެކްސިން ޖެހުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ހަމަޖައްސާފައި ނުވާތީ ވެކްސިން ނުޖެހުނީކަމަށެވެ. އަދި ރައީސް ޔާމީން މާލެވެސް ބޭލުމަކާ ނުލައި އެންމެ ފަހުން އެނބުރި މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެއްވެސް ހާލެއްގައި އެ މަނިކުފާނު ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ނޫންކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.