ކ.މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިއަދު ނިޔާވި، ށ.ފުނަދޫ މުހައްމަދު ޖަމީލުގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެއެވެ.
ޖަމީލު ނިޔާވިއިރު، އުމުރަކީ 45 އަހަރެވެ. އޭނާއަށް ޖަލު އޮފިސަރުން އަނިޔާކޮށް މަރާލީ ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ޕޯސްޓެއް ކުރައްވައި، މިރޭ ވިދާޅުވީ ގޮޅީގެ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި ޖަމީލު އެންމެ ފަހުން ހުރީ ނަމާދު ކުރަން ކަމަށާއި އޭނާ ނިޔާވީ ސަޖިދާ ގައި އޮއްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުގައި ހިނގާ ކޮންމެ މަރެއްގެ މިނިވަން ތަހުގީގެއް ހިންގަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަރަކާ ގުޅޭގޮތުން ޝައްކުވާ ނުވަތަ ތުހުމަތުވާ ކަމެއް އޮތްނަމަ އެ ކަމެއް ވެސް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން މިނިވަންކަމާއެކު ތަހުގީގުކުރާނެ ކަމަށެވެ. އަދި އެ މަރާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމުގެ އިތުރުން، ޖަމީލްގެ އާއިލާގެ ހުއްދައާއެކު އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ވެސް އަންގައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތަހުގީގު ކުރިއަށްދާއިރު ހުރިހާ އިދާރާއަކަށް ވެސް ކަރެކްޝަންސްގެ އެއްބާރުލުން ލިބޭނެކަމަށާއި ސީސީޓީވީ ފުޓޭޖު ވެސް ކަމާ ބެހޭ އިދާރާތަކަށް ހިއްސާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާ އަކީ ނަފުސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ކަރެކްޝަންސްއިން ބުނީ، ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިން ކަމަށެވެ.
ނަމަވެސް، އެއްވެސް ބަދަލެއް ނައުމުން، އިއްޔެ 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދެވުނު ކަމަށެވެ.
އަދި 12:45 ގައި ޑޮކްޓަރު ވަނީ ޖަމީލުގެ ހިތް ހުއްޓިގެން މަރުވި ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސް އިން ކުރިން ބުންޏެވެ.