މާފުށީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމާއި، އޮޅުވާލައިގެން ފައިސާ ފޭރުން ހުއްޓުވުމަށް ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާކަމަށާއި، ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއްވެސް ޤާއިމްކުރާނެކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މާފުށީ ޖަލުގައި އެވްރެޖްކޮށް ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފެންނަ ކަމަށާއި ސްކޭމް ކޯލް ފަދަ މައްސަލަތައް ފެށިގެން އަންނަނީ އެ ގޮތަށް ޖަލުގެ ތެރެއިން ކަމަށެވެ. އަދި އެ ކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލަތަކަކީ މިހާތަނަށް ޙައްލު ނުވެއޮތް މައްސަލަތަކެކެވެ. ނަމަވެސް އެކަންކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ ޖަލުތެރޭގެ ހަމަ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާއި މަސްތުވާތަކެތި ފެންނަމުންދާ ކަމަށާއި އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ޖަލުން އެދަނީ އަޅަމުން ކަމަށެވެ.
“އެޕޯޝަން ޙައްލުވީމަ ދެން މިއޮތީ ސޮސައިޓީ ތެރޭގައި ތިބި ސްކޭމް ކޯލްތައް ކުރާ މީހުން. އެކަމުގައި ބޭންކާއެކުގައި ވަރަށް ރަނގަޅު އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ފުލުހުން އެދަނީ މަސައްކަތްކުރަމުން. އަޅުގަނޑުމެން މިހާރު ސްކޭމްތަކަށް ޚާއްޞަ ސެންޓަރެއް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގަ އިންނާނެ ޤާއިމްކުރަން. އެހެންވީމަ މިއީވެސް އަޅުގަނޑުމެންގެ ފޯކަސް އޭރިއާއެއް މިކަމުގައި.” ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މީހާގެ ފައިސާ ފޭރިގަންނަ ހާލުގައި އެންމެ މުހިންމީ އޭތި ރިކަވާކުރެވޭނެ މަގުކަމަށާއި އެއަށްމިހާރު ޕްރޮޓޮކޯލްސްތައް ހަދަމުން ގެންދަވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މިމައްސަލަވެސް ވަރަށް އަވަސްކަމާއެކު ކުރިއަށް އޮތްތަނުގައި ހައްލުކުރައްވަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ދުނިޔޭގެ އެންމެ ޓްރެންޑިން އެއް ކްރައިމް އެއީ ސައިބަރ ކްރައިމްއަކީ. މިކަމަށް ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ރައީސްގެ ގަރާރަކުން އެވަނީ އުފައްދަވާފައި. އެތަނަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެހެންވީމާ އެ އެޖެންސީ ހެދުނީމަ ޕްރިވެންޝަން ސައިޑުންވެސް އަދި އަޅުގަނޑުމެން އޮފެންސަށް އަންނައިރުގައި އެޑިފެންސް ކުރެވޭނެ ކަންތައްވެސް ފަސޭހައިން ކުރެވޭނެ.” ވަޒީރު ވިދާޅުވިއެވެ.