ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މާލެ އިން ބިމެއް ބައްލަވައިގެންފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް މިނިސްޓަރު ފައިސަލް ދޮގުކުރައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ފައިސަލް މާލެ އިން ބިމެއް ގަނެފައިވާކަމަށް ވިދާޅުވެފައެވެ. “މިހާރު އަބްދުއްރަހީމްގެ ފައިސަލް ވެސް މާލެ އިން ބިން ގަނެފި”ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކައަށް ރައްދު ދެމުން ފައިސަލް ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ޔާމީން ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑަށް ޒާތީ ވެގެން ޔާމީން ގަސްދުގައި ކުރައްވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ޔާމީން ވަރަށް ބޮޑަށް ޒާތީވެ، އެ މަނިކުފާނުގެ ގާތް ބައެއް ބޭފުޅުން އޭނާ އާއި މަގުމަތިންވެސް ދިމާކުރަންދާކަން ފާހަގަކޮށް އޭގެ ބައެއް ކަންކަން ދާދި ފަހުން ވެސް ތަޖުރުބާ ކުރެއްވިކަމަށް ފައިސަލް ވިދާޅުވިއެވެ،
މީގެ އިތުރުން ފައިސަލް ވިދާޅުވީ އޭނާގެ އަމިއްލަ ގޯއްޗެއް، ފްލެޓެއް އެއްވެސް ތާކު ނެތްކަމަށެވެ. އަދި އަމިއްލަ ރަށުގައިވެސް މާލޭގައިވެސް ނެތްކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ ރަށަށް ދިޔަސް ހުންނަނީ އޭނާގެ ބައްޕަގެ ގޭގައިކަމަށެވެ.
އިތުރަށް ފައިސަލް ވިދާޅުވީ “ރޯބުހުތާން ދޮގު” ހެދުން ހުއްޓާލައްވައި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުން ހުއްޓާލައްވަން ޔާމީނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ.