ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރް ޚާން އާއި ސައިފް ޢަލީ ޚާންގެ ދެވަނަ ދަރިފުޅުގެ ފޮޓޯތައްވެސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅު ތައިމޫރަށް ވެސް ލިބުނު ފަދަ ބޮޑު ސަމާލުކަމެއް އެމީހުންގެ ދެވަނަ ދަރިފުޅަށް ލިބިގެން ދިޔައިރު އެކުއްޖާގެ ފޮޓޯއެއް އަދި ކުއްޖާއަށް ކިޔާ ނަންވެސް މީޑިއާގައި މި ދެތަރިން ހިއްސާކޮށްފައެއް ނުވެއެވެ. މިހާރުވެސް ތައިމޫރަށް ލިބިފައިވާ މަގުބޫލުކަމެއްގެ ސަބަބުން އެ ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އެމީހުންގެ ދެވަނަ ދަރިފުޅު ‘ފޮރުވައިގެން’ ގެންގުޅަމުންދަނީ އެ ތަޖުރިބާގެ ސަބަބުންނެވެ.
މީޑިއާގެ ލޯތައް އަމާޒުވެފައިވާ ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ނޫސްވެރިންނަށްވެސް ނެގިފައި ނުވާއިރު އެ ކުއްޖާގެ ފޮޓޯތައް ލީކްވެފައިވަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މި ގޮތުން ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރަށް އޮޅިގެން ތައިމޫރް އާއި އެމީހުންގެ މިހާރުގެ ދަރިފުޅުގެ ކޮލާޖެއް ހަދާ އިންސްޓަގްރާމްގައި ވަނި ހިއްސާކޮށްފައެވެ. މި ފޮޓީ ހިއްސާކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މި ފޮޓޯ ޑިލިޓްވެސް ކޮށްލާފައެވެ. އެހެންނަމަވެސް އެ ކުޑަވަގުތު ކޮޅުގެ ތެރޭގައި އޭނާގެ ފޮލޯވަރުންވަނީ މި ފޮޓޯ ސޭވްކޮށްފައެވެ.
މިހާރު އިންޑިއާގެ ނޫސްތަކުގައި ވެސް ތައިމޫރާއި އޭނަގެ ކޮއްކޮ ގެ ފޮޓޯތައް ޖަހާފައިވާއިރު ގިނަ ބަޔަކުވަނީ މިއީ ކަރީނާ އާއި ސައިފްގެ ދެވަނަ ދަރިފުޅުކަމާއި މެދު ޝައްކުނުކުރާކަމަށް ބުނެފައެވެ. އަދި އެމީހުންގެ ދެވަނަ ދަރިފުޅު ތައިމޫރް އާއި ތުއްތުކުއްޖާ ވަރަށް ވައްތަރުކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު މިކަމާއި ގުޅިގެން އަދި މިހާތަނަށް މި ދެ ތަރިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.