ސްޓާ ޕްލަސް އިން ދައްކާ އެންމެ މަގުބޫލު ޑްރާމާގެ ‘އަނުޕަމާ’ ގައި އަނުޕަމާ(43އ) ގެ ރޯލުން ފެނިގެންދާ ޑްރާމާގެ ލީޑް ތަރި ރުޕާލީ ގަންގޫލީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ރުޕާލީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ޔަގީންކޮށްދެމުން އޭނާ ބުނީ މި ބަލި އޭނާ އާއި ހަމައަށް އައީ ކިހިނެތްކަން ނޭގޭ ކަމަށާއި އެހެންނަމެވެސް ދިރިއުޅުމުގައި ދިމާވި ހުރިހާ ހަނގުރާމައަކާއި ކުރިމަތިލި ގޮތަށް މި ބައްޔާއި ވެސް ކުރިމަތިލާނެކަމަށެވެ. އިތުރަށް ރުޕާލީ ބުނީ އަދި މިހާތަނަށް އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަމުން ނުދާ ކަމަށާއި އުއްމީދަކީ އެެއްވެސް އަލާމަތެއް ނުފެނި ބަލިން ރަގަޅުވުން ކަމަށެވެ، “އަހަންނަކީ އަބަދުވެސް ބޭސް ކާން ބޭނުން ނުވާ މީހެއް. އެކަމަކު އަހަންނަށް ޑޮކްޓަރު ބައިވަރު ބޭސްތައް ދީފައި އެބަހުރި” ރުޕާލީ ބުންޏެވެ
ރުޕާލީ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުމާއެކު، އަރާމް ނަގަރްގެ ކޮޓެޖްގައި އެހެން މީހުންނާ ވަކިން ކަރަންޓީންވެފައިވާއިރު އޭނާ ބުނީ ކޮވިޑްގެ ސަބަބުން އެއްވެސް ހާސްކަމެއް ނެތްކަމަށާއި އެހެންނަމަވެސް އޭނާގެ އާއިލާ އާއި މެދު ކަންބޮޑުވާކަމަށެވެ. އިތުރަށް ރުޕާލީ ބުނީ ކޮވިޑަށް އޭނާ ޕޮޒިޓިވްވި ކަން އެގުމާއެކު ދަރިފުޅާއި ފިރިމީހާގެ އިތުރުން އެގޭގައި އުޅޭ މަސައްކަތު މީހުންވެސް ކޮވީޑަށް ޓެސްޓްކޮށްފައިވާކަމަށެވެ. އަދި މިހާރު އިންތިޒާރުކުރަނީ އެމީހުންގެ ނަތީޖާ އަށްކަމަށް ރުޕާލީވަނީ ބުނެފައެވެ.
ރުޕާލީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި “އަނޫޕަމާ” ގެ އެޕިސޯޑްތަކެއް އޭނާއާއި ނުލާ ޝޫޓްކުރުމަށް ހަމަޖެހިފައިވާއިރު މުޅި މި ޑްރާމާގެ ވާހަކައަކީ އޭނާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ. އެހެންކަމުން ޑްރާމާއިން ރުޕާލީ ނުފެނުން ވެގެންދާނީ ޑްރާމާއަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެއް ކަމުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. މިއީ ތާޖްމަހަލް އާއި ނުލާ އަގްރާ ފުރިހަމަ ނުވާ ފަދައިން ރުޕާލީ އާއި ނުލާ އަނުޕަމާ ފުރިހަމަ ނުވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ރުޕާލީ އަށް ކޮވިޑް ޖެހުނު އިރު، ސިލްސިލާގައި އޭނާގެ ހަގު ފިރިހެން ދަރިފުޅު ސަމަރުގެ ރޯލު ކުޅޭ އެކްޓަރު ޕާރަސް ކަންވަލްޖީތު ވެސް ވަނީ މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ޑްރާމާގައި އަނުޕަމާގެ ދޮށީ ދަރިފުޅުގެ ރޯލުން ފެނިގެންދާ އާޝިޝް މެހުތުރާ(ތޯޝޫ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.