English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ތައާރަފްކޮށްފައިވާ ލޯފަން މީހުންނަށް ހިލޭ ކީރިތި ޤުރުއާން ހިތު ދަސް ކޮށްދޭ ކޯހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

އައިޔޫއެމްގެ މާލޭ ކެމްޕަހުގައި ފަށާ މި ކޯހުގައި ލޯފަން 60 މީހަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު، ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ފަރާތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އޮންލައިންކޮށް ކިޔެވުމަށް 30 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ޔުނިވަރސިޓީން އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭނެކަމަށް އައިޔޫއެމް އިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 8 އެޕްރީލު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އައިޔޫއެމް އިން ވަނީ އެދިފައެވެ.

އައިޔޫއެމް އިން ކުރި އިއުލާނުގައި ވަނީ، މި ޕްރޮގްރާމާބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެކަމަށެވެ.