English Edition
Dhivehi Edition

64 ވަނަ މެލޭޝިއާ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ” ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ކުރި އިއުލާނުގައިވަނީ މެލޭޝިއާގެ ޑިޕާރޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން، 5 އޮކްޓޯބަރު 2024 އިން 12 އޮކްޓޯބަރު 2024 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއާން މުބާރާތުގައި ދިވެހިރާއްޖެއިން، އަންހެން އަދި ފިރިހެން ބައިވެރިޔަކު، ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

މި މުބާރާތަށް ހޮވާނީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިން، ކޮންމެ ބަޔަކުން 1 ބައިވެރިއެކެވެ. އަދި މި މުބާރާތަށް ބައިވެރިން ހޮވުމުގައި ޤައުމީ މުބާރާތަކުން 1 ވަނަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތު ތަކުގެ ތެރޭގައި

  • 5 އޮކްޓޯބަރ 2024 އަށް 13 އަހަރު ފުރިފައިވުން.
  • 30 ފޮތް ހިތުދަސް ފަރާތެއް ކަމުގައިވުން. (ނުބަލާ ކިޔެވުމުގެ ބައި)
  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައިވާނަމަ ބައިވެރިވިފަހުން 3 އަހަރު ހަމަވެފައިވުން.
  • މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  • ޝައިޚް މިންޝާވީ އަދި ޝައިޚް ޢަބްދުލްބާޞިޠުގެ ކިޔެވުމާ އެއްގޮތަށް ޤުރްއާން ކިޔެވޭ ފަރާތަކަށްވުން.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެ، ލިބިފައިވާ ލިޔުންތައް 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.