English Edition
Dhivehi Edition

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރުގެ ގައުމީ މުބާރާތް ބާއްވަނީ މުބާރާތުގެ އުސޫލަށް ބައެއް ބަދަލުތަކެއް ގެނައުމަށްފަހުއެވެ.

ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުންް ބުނީ ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން އެޕްލައި ކުރެވޭނެކަމަށެވެ. އޮޑިޝަން ބުުރުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު އެ މަރުކަޒުން ބުނީ ގައުމީ ޤުރްއާން މުބާރާތަށް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މި ބަދަލު ގެނެވުނީ މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަގްސަދުގައި ކަމަށެވެ.

ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ގެނައި ބަދަލާއެކު 26 އަހަރު ނުފުރޭ، ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ. މިއަހަރުން ފެށިގެން ގައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އެހެން އަހަރުތަކާ ހިލާފަށް މުބާރާތުގެ އޮޑިޝަން ބުރަކާއި މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން މުބާރާތުގެ ފައިނަލް ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުންް ބުނީ އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި ކަމަށެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގަ އާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވާން އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.

ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން %80 ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން %85 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ. މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ.