ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި, ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ޖޫރިމަނާތަކުގެ ސަބަބުން ޑްރައިވިން ލައިސަންސް ނުނެގި ތިބި އެތައް ޒުވާނުންނެއް އެބަތިބިކަމަށެވެ. އަދި ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ގަވާއިދުތަކާއި ހިލާފުވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސްް ހިފަހައްޓާފައިވާ ގިނަ ފަރާތްތަކެއް ވެސް އެބަ ތިބި ކަމަށެވެ.
އެ ފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަަމުންދާ ދިއުމަކީ އޭގެ ސަބަބުން އެ ފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަން ފާހަގަކޮށްފައެވެ،
ޖޫރިމަނާގެ ޢަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ ފަރާތްތަކަށް ލުޔެއް ދޭން ހަސަން ހުށަހެޅުއްވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބުނެފައިވާ ފިޔަވަޅުތަކެވެ. މި ގޮތުން ޖޫރިމަނާ ކުރެވޭ ފަރާތުން މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ހަސަން ވަނީ ފާހަގަކޮށްފައެވެ.
ޓްރެފިކް ގާނޫނުގައިވާ އެ ލުއި، އެއްވެސް މީހަކަށް އަދި ނުދީ އޮތީ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ނުހަދާ އޮތުމުންކަން ފާހަގަކޮށް ހަސަން ވަނީ އެ ގަވައިދު ހެދުމަށާއި، ގަވައިދު ހަދާ އިރު ވަކި ކަންތައްތަކެއް ހިމަނަން ހުށަހަޅާފައެވެ. މި ގޮތުން ހަސަން ވަނީ ކޮމިއުނިޓީ ސާވިސްއަށް ޖޫރިމަނާ ބަދަލުކުރެވޭނެ ހާލަތްތަކާއި އެގޮތުން މަަސައްކަތް ކުރުވޭނެ ތަންތަނާއި ކުރުވޭނެ މަސައްކަތްތައް ކޮމިޔުނިޓީ ސާވިސްގައި ކުރާ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާއަށް ފައިސާ ނެގޭނެ އުސޫލުތައް ވެސް ގަވައިދުގައި ހިމެނިދާނެކަމަށް ބުނެފައެވެ.
މީގެ އިތުރުން ހަސަން ވަނީ މުޅި ހަޔާތް މި ޖޫރިމާނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މިފަދަ ފަރާތްތަކަށް އަވަސް ހައްލެއް ހޯދުމަށް ޤާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންްޖެހޭކަމަށް ބުނެފައެވެ. ހަސަން ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު ކުރި ބަހުސްގައި ގިނަ މެމްބަރުން އެކަމަށް ތާއީދުކުރައްވާފައެވެ.