English Edition
Dhivehi Edition
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އާންމު ރައްޔިތުންނަށް ނުލިބޭ ފެންވަރުގެ ހެލްތު އިންޝުއަރެންސެއް ރައްޔިތުން ތަމްސީލުކުރަން ތިބޭ މަންދޫބުންނަށް ލިބިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7،225 މީހުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނަށް ބަހުސްކުރައްވަމުންނެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ހުސެން ޝަރީފް ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނަކީ ރައްޔިތުންނަށްވުރެ މަތީގައި ތިބޭ ބައެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، މިފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. މަޖިލީހަށް ވަންނަ ހިސާބުން ނަމުގެ ކުރިއަށް ”އިއްޒަތްތެރި“ ކިޔުނު ނަމަވެސް، ދައުލަތުގެ އެންމެ މަތީ ބާރު ލިބިގެންވަނީ ރައްޔިތުންނަށް ކަމަށާއި، މިފަދަ ތަފާތުކުރުންތަކާ މެދު ސުވާލުކުރުމުގެ ފުރިހަމަ ޙައްޤު ރައްޔިތުންނަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އާދައިގެ ރައްޔިތުމީހާ ބޭސްފަރުވާއަށް އެދި އާސަންދައިގެ ކިއު ލިސްޓުގައި މަޑުކޮށް، ސިޔާސީ ބޭފުޅުންގެ ފަހަތުން ދުވަންޖެހޭޖެހުން ނިމުމަކަށް އަންނަންޖެހޭނެ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ފަރާތްތަކަށް ލިބޭ ހެލްތު އިންޝުއަރެންސްގެ ފަސޭހަތައް އާންމު ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭނެ ކަމަށް ވަކާލާތު ކުރެއްވިއެވެ. އަދި ދައުލަތުންދޭ ހެލްތު އިންޝުއަރެންސް އެއް ހަމައަކުން ލިބެންޖެހޭނެ ކަމަށާއި، ނިޒާމުގެ ތެރެއިން ޢަދުލުވެރިކަން ޤާއިމުވެއްޖެނަމަ ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.