ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އާއި މާލިއްުޔަތު ކޮމިޓީން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަކިކޮށްފިއެވެ.
ނާޒިމް އެ ދެ ކޮމިޓީން ވަކިކޮށް، އައްޔަންކޮށްފައި ވަނީ އެންވަޔަރަމަންޓް ކޮމިޓީއަށެވެ. ދެން ނާޒިމް އިންނަވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ (އެސްއޯއީ) ކޮމިޓީގައެވެ. ނާޒިމްގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، ފުވަމުއްލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.
ކޮމިޓީތަކަށް އައްޔަންކޮށްފައިވާ މެންބަރުން ބަދަލު ކުރަނީ، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން މަޖިލީހަށް އެންގުމުންކަމުގައިވާއިރު، އެ ގޮތަށް ގެންނަ ބަދަލެއް ރިޔާސަތުން މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރަން ޖެހެއެވެ. އެހެންނަމަވެސް ފާއިތުވި ދެ ދުވަހު ބޭއްވި ޖަލްސާގައިވެސް ރިޔާސަތުން މިކަން އިއުލާންކޮށްފައެއް ނުވެއެވެ.