English Edition
Dhivehi Edition
ފޮޓޯ: ވަގުތު

އައްޑޫގެ ބަންޑާރަ ބިންތަކުގައި އޮޅު ދަނޑުތައް ހައްދާ ފަރާތްތަކުން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ އައްޑޫގެ އަވަށްތަކުގައި ގިނަ އަދަދަކަށް އޮޅު ދަނޑުތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް އޮޅު ދަނޑުތަކަކީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އައުމުގެ ކުރިން ވެސް އައްޑޫގެ ބަންޑާރަ ބިންތަކުގައި އަލަ ހެއްދުމަށްޓަކައި ބޭނުންކުރަމުން އައިސްފައިވާ ދަނޑުތަކެއްކަންވެސް ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 40 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ބިމާބެހޭ އެންމެހާ މުޢާމަލާތްތަކުގެ ރެކޯޑްސް ބެލެހެއްޓުމަކީ ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް ކައުންސިލުންވަނީ އައްޑޫގެ ބަންޑާރަ ބިންތަކުގައި އޮޅު ދަނޑުތައް ހައްދާ ފަރާތްތަކުން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އެދިފައެވެ.

މިކަމަކީ ޤާނޫގައިވާ ގޮތުގެމަތިން ރެކޯޑްސްތައް ބެލެހެއްޓުމަށްޓަކައި ކައުންސިލުން ކުރަމުން އަންނަ ކަމެއްކަން ފާހަގަކޮށް ކައުންސިލުންވަނީ ދަނޑުތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް 31 މެއި 2021 ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.

މީގެ އިތުރުންވަނީ ކައުންސިލުން މި އިޢުލާން ކުރެވޭ ތާރީޚުގެ ފަހުން އައްޑޫ ސިޓީ ކައުންސިލްގެ ހުއްދައަކާއި ނުލައި ބަންޑާރަ ބިމެއް ސާފުކޮށް އޮޅު ދަނޑެއް އަލަށް ހެއްދުމުގެ މަސައްކަތެއް ނުކުރުމަށް އިލްތިމާޒްކޮށްފައެވެ.


އަވަށު އޮފީސްތަކުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އެދޭ ފޯމު އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.