English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އޭއޯ ނިއުސް

އައްޑޫސިޓީގެ އަވަށްތަކުގައި މަގުބައްތި ހަރުކޮށްފައިވާ ހޮޅި ދަނޑިތަކުގައި، ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ދެމުމަށް އައްސާފައިވާ ވައުތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ އަވަށްތަކުގައި މަގުބައްތި ހަރުކޮށްފައިވާ ހޮޅި ދަނޑިތަކުގައި، ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ދެމުމަކީ ކުރީއްސުރެވެސް މަނާކުރެވިފައިވާ ކަމެއްކަމަށެވެ. އައްޑޫ ސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެފްކޮންސްގެ ފަރާތުން އަލައް ޖަހަމުން އަންނަ މަގުބައްތިތަކުގައިވެސް ވައު އައްސައި ކެމްޕެއިން ބެނާތައް ހަރުކުރަމުން ދާކަމުގެ ޝަކުވާ އެ އިދާރާ އަށް ލިބެމުންދާކަން ފާހަގަކޮށް ކައުންސިލުން އެފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މަގުބައްތި ތަކުގައި ބެނާތަކާއި ދިދަފަތިތަށް ހަރުކުރުމަށް ވައު އައްސާފައިވާ ފަރާތްތަކުން އެފަދަ ތަކެތި 08 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ނެގުމަށް އަންގާފައެވެ. އަދި މިމުއްދަތުގެ ފަހުން މަގު ބައްތި ތަކުގައި މަގު ހުރަސް ވާގޮތަށާއި ދިދަފަތި ދެމުމަށް އައްސާފައިވާ ވައުތައް ނައްޓާލާނެކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.