English Edition
Dhivehi Edition
އައްޑޫސިޓީ/ފޮޓޯ އިންޓަނެޓް

އައްޑޫން ދޫކުރާ ބަންޑާރަ ގޯތި ލިބުނު މީހުންގެ މެދުގައި، އަންނަ ބުދަ ދުވަހުން ފެށިގެން ގުރުލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯއްޗަށް އެދި ކުރިމަތިލީ، ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ގޯތި ދިނުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އަދި އިތުރަށް ދޫކުރާ ގޯތި ދޫކުރާނެ ތަންތަނާއި ގޯތީގެ ސައިޒު ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. މިގޮތުން ގޯތި ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތީން، ފެބުރުއަރީ 07، 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ބަންޑާރަ ގޯތި ދިނުމަށް ބިންތައް ކަނޑައެޅޭ ނިސްބަތުން ލިސްޓުގައިވާ ތަރުތީބުން ގުރުއަތުލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ އެއްއަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ބޭނުންވާ އަވަށް އިހްތިޔާރު ނުކުރާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެފަރާތެއް ރަށްވެހިވެފައިވާ އަވަށުން ކަމަށެވެ. އަދި އެފަރާތްތައް އެ އަވަށެއްގެ ލިސްޓުގައި ހިމަނައި، ބާކީ ހުރި ލިސްޓުތަކުން އެފަރާތްތަކުގެ ނަންތައް އުނިކުރެވޭނެކަމަށެވެ.

އައްޑޫ ސިޓީ އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި، ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މަރުހަލާގައި ހިތަދޫއިން 500ގޯތި، ފޭދޫއިން 300ގޯތި، ހުޅުދޫއިން 100ގޯތި، އަދި މީދޫއިން 100ގޯތި ދޫކުރާނެއެވެ. މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ބުނީ ސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.