English Edition
Dhivehi Edition

ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

އުތުރުތިލަފަޅު ތަރައްގީކުރަން އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުން ހިމެނޭހެން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރުއަރާ ފަދަ އެއްބަސްވުންތައް ދިރާސާކުރަން އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ އިއްޔެ ބޭއްވި ޕީޕީއެމް، ޕީއެންސީ ކައުންސިލް ބައްދަލުވުމުގައެވެ،

އުތުރުތިލަފަޅު ގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅު އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމަށް ގަރާރެއް ހުށަހެޅުމަށްވެސް ނިންމާފައެވެ.

މާލެ އަތޮޅު އުތުރުތިލަފަޅުގައި ހިއްކައިގެން ހަދަން ފަށާފައިވާ ސިފައިންގެ މަރުކަޒުގައި އިންޑިއާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށް، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމުގެ ދެލި ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް، ލީކުކޮށްލާފައިވާއިރު ދައުރުވަމުންދާ ލިޔެކިޔުމަކީ ސައްހަ އެއްޗެއް ނޫންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ މި ވާހަކަތަކާއި ގުޅިގެން ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު ރައްޔިތުންގެ މަޖިލީހަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ މި މައްސަލަ ހުށަހަޅާފައެވެ.

މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެއްބަސްވުން ހާމަ ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ މެންބަރު، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކުއްލި މައްސަލަ އެއް ހުށަހަޅާފައިވާއިރު މި ދައުރުގެ ކުރީ ޖަލްސާއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް މި އެއްބަސްވުން އާންމުކުރާނެކަމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން ދީފައެއް ނުވެއެވެ.