English Edition
Dhivehi Edition
އުތުރުތިލަފަޅު ތަރައްގީ ކުރަމުންދާ ގޮތުގެ ޗާޓެއް

އުތުރު ތިލަފަޅުގެ މަޝްރޫއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްޤީ ކުރަމުންދަނީ 300 މީޓަރުގެ މަގަތު ފާލަމާއި، 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަރ ފެސިލިޓީއެއް ކަމަށެވެ.

އެއިދާރާއިން ބުނެފައިވަނީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫޓީއެފްގައި އެމްއެންޑީއެފުން ތަރައްޤީ ކުރަމުން ދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއަރ ފެސިލިޓީއެއްކަމަށެވެ. މިއީ އެމްއެންޑީއެފްގެ ފުރިހަމަ މިލްކުވެރިކަން އޮތް އެއިދާރާގެ ތަނެއްކަން އެކިފަހަރުމަތިން ވަނީ ހާމަކޮށްފައެވެ. އަދި އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ތަނެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް މަރާމާތަށް އެހެލާ ބޭލުމަކީ ކުރެވޭނެކަމެއްނޫންކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މި މަޝްރޫޢުއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ވަރަށް މުހިއްމު މަޝްރޫޢެއް ކަމަށްވާތީ، މިމަޝްރޫޢާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ނުފެތުރުއްވުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އުތުރު ތިލަފަޅަށް ދިޔަ ނޫސްވެރިން

އެމްއެންޑީއެފުން މިފަދައިން ބުނެފައިވަނީ އުތުރު ތިލަފަޅުގައި ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ހިނގާ ސަރަޙައްދަށް،އާދީއްތަ ދުވަހު ނޫސްވެރިންތަކެއް ގޮސް އެތަނަށް އަރަން މަސައްކަތްކޮށްފައިވަނިކޮށެވެ. އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މިފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅުއަޅުއްވައިދެއްވުމަށް އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.