ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަވަމުންދާ ވާހަކަ ތަފާތު ކަމަށާއި މި މައްސަލައިގެ ފުރިހަމަ އިންކުއަރީއެއް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަސްލަމް އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި އެއް ބަޔަކު ތުހުމަތުކުރަނީ ރާއްޖޭގެ ސަރަހައްދު ވިއްކާލީ ކަމަށާއި އެއީ ވަރަށް ހުތުރުކޮށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތެއް ކަމުގައެވެ. އެހެން ކަމުން އެކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލައި އިހުމާލުވާ ބަޔަކުތިބިނަމަ އެބަޔަކު ހޯދާ، ފުރިހަމަ އިންކުއަރީއެއް ހެދުމަށް ބޭނުންވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
“މައްސަލައާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް ބަލާއިރު، ރަނގަޅު ފުރިހަމަ އިންކުއަރީއެއް މިމައްސަލާގައި ހަދަންޖެހޭ. ރާއްޖޭގެ ސަރަހައްދު، އަދި ތުހުމަތު މިކުރަނީ ވިއްކާލީއޭ. ވަރަށް ހުތުރުކޮށް ބައެއް ފަރާތްތަކުން ތުހުމަތު މިކުރަނީ. ކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލަންޖެހޭ. 241 ކޮމެޓީން މުޅި މިމައްސަލަ ބަލައި، ކިހިނެއްތޯ ކޮން ހިސާބަކުންތޯ މިމައްސަލަ އޮތީ. ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުލިބިގެންވާ ސަރަހައްދަކީ ޤާނޫނު ބުނަނީ ކޮން ސަރަހައްދެއްތޯ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދަކީ ކޮބައިތޯ؟ ކިހިނެތްތޯ މިކަން މިވަނީ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދާ ގުޅޭގޮތުން ޑީލިމިޓް ކުރަން މިޖެހުނީ ކީއްވެތޯ؟ އިޓްލޮސްއަށް މިދިޔައީ ކޮންބައެއްތޯ؟ އިޓްލޮސްއަށް ދިއުމުގެ ހައްގު އޮންނަނީ ކިހާމުއްދަތަކަށްތޯ؟” ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވަނީ މި މައްސަލަ މިފަދަ ތުހުމަތުތަކެއް ކުރެވިގެން އަންނައިރު އެކަންތައް ބެލުމަށް ވަކި ކޮމިޓީ އެއް އެކުލަވާލައިފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަ ބެލުމަށް އެންމެ އެކަށީގެންވާ ކޮމިޓީ އަކީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން (241 ކޮމެޓީ) ކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މިހާރު އިދިކޮޅު ފަރާތްތަކުން ކޮމެޓީއަށް ތުހުމަތުކުރައްވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯއްދެވުމަށް އެފަރާތުން އެދިވަޑައިގެންފައިވާކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މިކަންވެސް ކުރެވެން އަންނަނީ ކޮމެޓީތައް އެކުލަވާލެވިގެން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
“ވަރަށް ތަފްސީލްކޮށް އަޅުގަނޑުމެން ބަލަންޖެހޭ މިކަމުގައި އިހުމާލުވާ ބަޔަކު ތިބިނަމަ، އެއިހުމާލުވާ ބައެއްވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ބަލައި ހޯދަންޖެހޭ. މިކަމުގެ ހަގީގަތަށް ތަފްސީލްކޮށް ވާސިލް ވާންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. އެފަދަ މަސައްކަތެއް ކުރަން ވަރަށް އެކަށީގެންވާ ފޯރަމެއް 241 ކޮމެޓީއަކީ.” އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަކީ ޤާނޫނު އަސާސީން ބާރުލިބިގެން އުފައްދާފައިވާ ހަމައެކަނި ކޮމެޓީ ކަމަށްވާއިރު ކޮމެޓީ އެކުލަވާލެވިފައިވަނީ ސިޔާސީ ހުރިހާ ޕާޓީއެއް އެކުލަވާލެވޭ ގޮތަށެވެ. ޗާގޯސް މައްސަލާގައި މޮރިޝަސް އާއި ދެކޮޅަށް މި މައްސަލަ ނިމުމާ ގުޅިގެން، ދެޤައުމުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް 4،600 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އިތުރަށް ވަނީ ލިބިފައެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރު ހިންގަމުން އަންނަ އެމްޑީޕީގެ ތެރޭގައި ވަނީ ގިނަ ޙިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ. މީގެ އިތުރުން ދާދި ފަހުން ޗާގޯސް ނިންމުމާއި ދެކޮޅު ފަރާތްތަކުން ވަނީ މާލޭގައި ބޮޑު ޖަލްސާއެއް ކުރިއަށް ގެންގޮސްފައެވެ.