English Edition
Dhivehi Edition
ދެ ކުޑަކުދިން އުނދޯއްޔެއްގައި - ފޮޓޯ: ޔުނިސެފް

ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 އިން ދައްކާ ގޮތުން ދިވެހިރާއްޖޭގެ އާބާދީއަކީ ފަސް ލައްކަ ފަނަރަ ހާސް އެއް ސަތޭކަ ބާވީހެވެ. އެއީ ތިންލައްކަ އައްޑިހަ ދެހާސް ހަތް ސަތޭކަ ފަންސާސް އެއް ދިވެހިންނާއި އެއް ލައްކަ ތިރީސް ދެހާސް ތިން ސަތޭކަ ހަތްދިހަ އެއް ބިދޭސީންނެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، އާބާދީގެ 41 އިންސައްތަ ދިރިއުޅެމުން ގެންދަނީ މާލޭގައެވެ. އަތޮޅު ތެރޭގެ އިދާރީ ރަށްރަށުގައި ދިރިއުޅެނީ އާބާދީގެ 46 އިންސައްތައެވެ. ރިސޯޓު ތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތަކީ 10 އިންސައްތައެވެ. އަދި ބާކީ 3 އިންސައްތަ ދިރިއުޅެމުން ގެންދަނީ ސިނާއީ ރަށް ތަކުގައެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ ބޮޑު ބަޔަކީ މަސައްކަތް ކުރާ އުމުރުފުރާގެ މީހުންނެވެ. އެއީ އާބާދީގެ ނިސްބަތުން 69 އިންސައްތައެވެ. އަދި އާބާދީގައި ހިމެނޭ 5 އިންސައްތަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. 2022ގެ ބޯހިމެނުން ދައްކާ ގޮތުން ދިވެހިރާއްޖޭގެ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިންނެވެ. ކުޑަކުދިން ކަމުގައި ބޯހިމެނުގައި ބަލާފައިވާ އުމުރަކީ 0 އަހަރުން ފެށިގެން 17 އަހަރެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ އާބާދީއަކީ އެއް ލައްކަ އެކާވީސް ހާސް ހަ ސަތޭކަ ތިރީސް ހަތަރެކެވެ. އެއީ ފަސްދޮޅޮސް ދެހާސް ފައްސަތޭކަ ސާޅީސް އެއް ފިރިހެން ކުދިންނާއި ފަންސާސް ނުވަ ހާސް ނުވަދިހަ ތިން އަންހެން ކުދިންނެވެ. ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން ތިބީ 10 އަހަރާއި 14 އަހަރާއި ދެމެދުގައެވެ. އެ އުމުރުގެ ގާތްގަނޑަކަށް ނަވާރަ ހާހާއި ގާތްކުރާ އަދަދަކަށް ފިރިހެން ކުދިން ތިބި އިރު އަންހެން ކުދިންގެ ނިސްބަތް ސަތާރަ ހާހާއި ގާތްކުރެއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ކުޑަކުދިން މަސައްކަތްކުރާ އާބާދީއަށް ބަރޯސާވާ މިންވަރަކީ މަސައްކަތުގެ އާބާދީގެ ކޮންމެ ސަތޭކަ މީހަކަށް ތިރީސް އަށް ކުޑަކުދިންނެވެ. 2014 ވަނަ އަހަރު ކޮންމެ 100 މީހަކަށް 41 ކުޑަކުދިން ބަރޯސާވެއެވެ. ދިވެހިރާއްޖޭގައި އެންމެ ގިނަ ކުޑަކުދިން ތަޢުލީމު ހޯދަމުން އަންނަނީ ޔޫކޭޖީގައެވެ. ދެވަނަ އަށް އެންމެ ގިނަ ކުޑަކުދިން ތަޢުލީމު ހޯދަމުން އަންނަ ގްރޭޑަކީ ގްރޭޑް ފަހެކެވެ. އެ ގްރޭޑުގައި ކިޔަވަމުން އަންނަ އަންހެން ކުދިންނާއި ދެމެދުގައި 500 އަށް ވުރެ މަތީ ފަރަގަކާއި އެކު އެ ގްރޭޑުގައި ތަޢުލީމު ހޯދަމުން އަންނަނީ ގިނައިން ފިރިހެން ކުދިންނެވެ. ކިޔަވާ ކުދިންގެ ނިސްބަތުން އެންމެ މަދު ކުދިން ތަޢުލީމު އުނގެނެމުން އަންނަނީ ބޭބީ ނާސަރީގައެވެ. އެ އުމުރުފުރާގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ނިސްބަތް އުޅެނީ ދާދި އެއް ހަމައެއްގައެވެ.

ދިވެހިރާއްޖޭގައި އާބާދީގެ ކޮންމެ 1000 މީހަކަށް 10 ކުއްޖަކު އުފަންވާ ކަމަށް ބޯހިމެނުމުގެ ރިޕޯޓުގައިވަނީ ހާމަކޮށްފައެވެ. އަދި ޅަ ފަތުގައި (0 ދުވަހާއި 27 ދުވަހާއި ދެމެދު) ކުޑަކުދިން މަރުވާ ނިސްބަތް އުޅެނީ އުފަންވިއިރު ދިރިހުރި ކޮންމެ 1000 ކުއްޖަކަށް ނިސްބަތްކޮށް 6 ކުޑަކުދިންނެވެ. މީގެ އިތުރުން 1 އަހަރުން ދަށުގެ ކުދިން މަރުވާ ރޭޓް އުޅެނީ އުފަންވިއިރު ދިރިހުރި ކޮންމެ 1000 ކުއްޖަކަށް ނިސްބަތްކޮށް ބަލާއިރު 10 ކުދިންނެވެ. އަދި 5 އަހަރުން ދަށުގެ ކުޑަކުދިންގެ މަރުވާ ރޭޓް އުޅެނީ އުފަންވިއިރު ދިރިހުރި ކޮންމެ 1000 ކުއްޖަކަށް ނިސްބަތްކޮށް 11 ކުޑަކުދިންނެވެ.

2022 ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުން ދިވެހިރާއްޖޭގެ އާބާދީގެ 0 އަހަރާއި 14 އަހަރާއި ދެމެދުގެ ކުޑަކުދިންގެ ނިސްބަތަކީ 24 އިންސައްތައެވެ. މިއީ 2014 ގެ ބޯހިމެނުމާއި އަޅާބަލާއިރު 2 އިންސައްތައިގެ ދަށްވުމެކެވެ.