ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަންހެނުންނަށް ފުރައްސާރަވާ ގޮތަށް ދެއްކި ވާހަކަތަކައް މައާފަށް އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި، އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ދާދި ފަހުން ގާއިމް ކުރި ކ.އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އާއި އަނދުން ހުސައިންގެ މެދުގައި ބަދަލުކުރި ބަހުގެ ހަމަލާތަކާއެކު އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ކުރީގެ ސަރުކާރުގައި، ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވިއިރު އެކުލަވާލަން މަސައްކަތްކުރި އެއްބަސްވުމެއްކަމަށް އަނދުން ހުސައިން ވަނީ ވިދާޅުވެފައެވެ، މި ވާހަކައަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވަނީ ރޭގަނޑު ހަތަރުދަމު ރާބޮއިގެން މަސްތުވެގެން އުޅޭ ކަމަށް ވެއްޖެ ނަމަ ދުވާލު މި ހިސާބަށް އަންނަ އިރު އެ މީހަކަށް ވާނުވާއެއް ނޭނގޭނެކަމަށް ވިދާޅުވެ އެ ވާހަކަތަަކައް ރައްދު ދެއްވާފައެވެ. އާދަމް ޝަރީފްގެ ތުހުމަތާއެކު އެކަމާއި ހިތްހަމަޖެހިވަޑައިނުގެން ނިޒާމީ ނުކުތާއެއް ނަންގަވާ އަނދުން ހުސައިން ވިދާޅުވީ “އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާއިރު ޕެޑް ޖައްސަވާފައި ހުންނަވާ ތަން، ފަހަތުން ލޭ ތެމިފަ” ކަމަށެވެ.
އަނދުން ހުސައިންގެ މި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ހުރިހާ އަންހެނުންގެ ފަރާތުން އޭނާ މައާފަށް އެދެންޖެހޭނެ ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.މިއަދު އަނދުން ހުސައިން ކުރެއްވި ޓުވީޓެއްގައި ންހެނުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މައާފަށް އެދިފައިވާއިރު އޭނާ ވިދާޅުވީ އެ ވަހާކައަކީ ބަލައިނުގަނެވޭނެ ފަދަ ވާހަކައެއްކަން ގަބޫލުކުރައްވާ ކަމަށެވެ. ” އަޅުގަނޑު މިފަދަ ބަސތަކަށް ސަމާލު އިތުރަށް ވާނަން،” އަނދުން ހުސައިން ވިދާޅުވި އެވެ.