English Edition
Dhivehi Edition
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް - ފޮޓޯ: އަވަސް

“ބޮޑުންނަށް މޮޅުގޮތް, ނިކަމެތިންނަށް ދެރަގޮތް” މި އުޞޫލު ބަދަލުކޮށްގެން މެނުވީ މުޖްތަމަޢުގެ ހަމަޖެހުމެއް ދުވަހަކުވެސް ނާންނާނެކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލް ނާޒިމް ސައްތާރު ބަންގްލަދޭޝް ފިރިހެނަކާއި އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ގޮތުން އިސްލާމްދީނުގައި ހަރާންކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަށް މި ސަރުކާރުން އަދަބު ދިނުމުގެ ބަދަލުގައި ހިމާޔަތް ދެމުން އަންނަކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި މި މައްސަލަތައް ވެސް ‘ރޯޔަލް ރޭޕް’ ކޭސް ނިމުނު ގޮތަށް، ފުލުހުން ނިންމާލާނެކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފުލުހުންނަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އިސްލާމީ މުޖުތަމައު އާއި ބީރައްޓެހި މިފަދަ އަމަލުތައް ހިންގާ މީހުންނަށް އަދަބު ނުދެވޭ މައްސަލައިގައި ކަންބޮޑުވުންފާޅުކުރަމުން އަންނަ މި ދަނޑިވަޅު އިޔާޒް ވިދާޅުވީ ބޮޑުންނަށް މޮޅުގޮތް, ނިކަމެތިންނަށް ދެރަގޮތް” މި އުޞޫލު ބަދަލުކޮށްގެން މެނުވީ މުޖްތަމަޢުގެ ހަމަޖެހުމެއް ދުވަހަކުވެސް ނާންނާނެކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މެދު ކުރާ އުއްމީދުތައް ފެނަށް ދިޔަނުދެއްވުމަށްވެސް އިޔާޒްވަނީ އެދި ވަޑައިގެންފައެވެ.

މީގެ އިތުރުން އިޔާޒް ވިދާޅުވީ ފާޙީޝް ޢަމަލު ހިންގަނިކޮށް ވިޑީއޯ އަކުން ފެންނަފެނުމުގެ މައްޗަށް ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ޙައްދު ގާއިމް ނުކުރެވޭނެކަމަށެވެ. ނަމަވެސް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ މީހުންގެ މައްޗަށް ތަޢްޒީރީ އަދަބު ދިނުމުގެ ބާރު ޙާކިމާ އަށް ލިބިގެންވާކަމަށެވެ.