English Edition
Dhivehi Edition

އިންކަމް ޓެކްސް ބިލް ފާސްކުރުމުން ކުލި ބޮޑުވާން ޖެހޭ ސަބަބެއް ވެސް އަދި ކަޑަވާންޖެހޭ ސަބަބެއްވެސް ނެތްކަމަށާއި ކުއްޔަކީ ކޮންޓްރޯލް ކުރަން ޖެހޭ އެއްޗެއް ކަމަކަށް ދެކެވަޑައިނުގަންނަވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރ ޙުސައިން ޝަހީމް(އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

“ރާއްޖެ ޓީވީ” ގެ ޕްރޮމޯގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ކުއްޔަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ކަމަށް ދެކެވަޑައިނުގަންނަވާ އެންމެ ބޮޑު ސަބަބަކީ ކުލި ކޮންޓްރޯލް ކުރާނެ އުޞޫލެއް ނެތުންކަމަށެވެ. އަދި އެފަދަ އުޞޫލެއް ހެދޭނެކަމަށްވެސްް ޤަބޫލުފުޅު ނުކުރައްވާކަމަށް ހުސައިން ވިދާޅުވިއެވެ. މީގެ އިތުރުން ހުސައިން ވިދާޅުވީ އެކި މީހުން ޢިމާރާތް ކުރުމަށް ހޭދަކުރާ މިންވަރު ތަފާތުވާއިރު ލޯނު ނަގައިގެން މިކަން ކުރާތީ ސަރުކާރަށް ކުލި ކޮންޓްރޯލް ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. “ސަރުކާރުން ކުލި ކޮންޓްރޯލް ކޮށްފިނަމަ އިމާރާތްތައް ކުރުމަށް ބޭންކްތަކުން ލޯނު ދިނުން އެއީ ފީސިބަލް ކަމަކަށް ވެސް ނުވާނެ . އެހެންވީމާ ބޮޑު ލޯނެއް ނަގައިގެން ކޮމާޝަލް ރޭޓްގައި ކުރުމުއްދަތެއްގައި ދައްކަން އަޅާފައި ހުންނަ އިމާރާތްތަކުގެ ކުލި ވަކި ވަރަކަށްވުރެ ތިރިއެއް ނުކުރެވޭނެ.” ހުސައިން ވިދާޅުވިއެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ޢަމަލު ކުރަން ފާށާނެ ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުން ތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. އެހެންކަމުން މިހާރުއްސުރެ ބައެއް ފަރާތްތަކުން ކުލި ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މި ކަމާއި ގުޅިގެން ހުސައިން ބުނީ ޓެކުހާއި އެކު ކުލި ބޮޑުކުރަންޖެހޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.