ފްލެޓާއި ގޯއްޗަށް ހުށަހެޅި މީހުންގެ ހާލަތު މިނިސްޓްރީން ދެނެގަނެ ޕޮއިންޓު ދިނުމުގައި ގެންގުޅުނީ ‘ދޯހަޅި’ އުސޫލެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ހަގީގީ ސިޔާސަތު ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށާއި، ގޯއްޗާއި ފްލެޓު ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ޝަހީމް ވަނީ ފްލެޓާއި ގޯތި ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މި ގޮތުން ހުސައިން ޝަހީމް ވިދާޅުވީ ސައްހަނޫން މައުލޫމާތު ހުށަހެޅި މީހުންގެ ތެރެއިން މަތިން ޕޮއިންޓު ލިބުނު މީހުންނަށް ވެސް ފްލެޓު ދެވޭނެ ކަމަށް ބުނެފައިވާ ވާހަކަ ބަލައިނުގަންނަ ކަމަށެވެ. އަދި އެއީ އޭނާ ނިސްބަތްވާ ޕާޓީގެ ސަރުކާރެއްގެ ސްޓޭޓް މިނިސްޓަރަކު ކުރެއްވި ކަމެއްކަމުގައިވީ ނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައިވާ ކަމެއް ނޫންކަމުގައި ހުސައިން ޝަހީމް ވިދާޅުވިއެވެ. ރަށުގައި ދިރިއުޅުނު މީހުންނަށް ވެސް މާލޭން ފްލެޓު ލިބިފައިވާ ކަން ފާހަގަކުރައްވަމުން ހުސައިން ޝަހީމް ވިދާޅުވީ ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ރަނގަޅަށް ބެލި ނަމަ ހައްގުވާ އެތައް ފަރާތެއް ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މީގެ އިތުރުން ހުސައިން ޝަހީމް ވަނީ ފްލެޓާއި ގޯއްޗަށް ހުށަހެޅި މީހުންގެ ލިސްޓު އަލުން މުރާޖާކުރުމަށް އެދިވަޑައިގެންފައެވެ.