English Edition
Dhivehi Edition

އުތުރުތިލަފަޅު ގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން ނިންމައިފިއެވެ.

މާލެ އަތޮޅު އުތުރުތިލަފަޅުގައި ހިއްކައިގެން ހަދަން ފަށާފައިވާ ސިފައިންގެ މަރުކަޒުގައި އިންޑިއާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށް، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމުގެ ދެލި ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް، ލީކުކޮށްލާފައިވާއިރު ދައުރުވަމުންދާ ލިޔެކިޔުމަކީ ސައްހަ އެއްޗެއް ނޫންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ މި ވާހަކަތަކާއި ގުޅިގެން ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެއްބަސްވުން ހާމަ ކުރުމަށް ގޮވާލައި ދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ މެންބަރު، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

މި ދައުރުގެ ކުރީ ޖަލްސާއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް މިފަދަ މައްސަލައެއް ހުށަހަޅުއްވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ދައުރުގައި، ކުރިން ބޭއްވި ޖަލްސާއެއްގައިވެސް މި މައްސަލަ މި އޮތް ގޮތަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ ދައުރެއްގައި މަޖިލީހުގައި ބަހުސްކޮށްފައިވާ މައްސަލައެއް، އަލުން އުފަން ކުރުމަށް ހުށަހެޅޭ މައްސަލައަކަށް ވާނަމަ އެ ކުއްލި މައްސަލައެއް އެޖެންޑާ ކުރެވެން ނޯއޮންނަނަކަމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމު. ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.