English Edition
Dhivehi Edition

އުތުރުތިލަފަޅު އެއްބަސްވުމުގެ ދެލިކޮޕީއެއް ލީކުކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދު ކަމަށް ވެފައި، އެ ސަރަހައްދުގައި ހިނގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ފަދަ ކުށްތައް ހިނގަމުންދާތީވެ އެ ކަންކަން ހުއްޓުވުމަށް ދިވެހި އަސްކަރިއްޔާގެ ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިޔާގެ އެހީތެރިކަން ހޯދުމަށް 2013 ވަނަ އަހަރުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަމާ ގުޅޭ ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގައި ކަން ފާހަގަކޮށްފައިވެއެވެ.

މި އެއްބަސްވުން ލީކު ކޮށްލި ފަރާތުން، ދިވެހި އަސްކަރިއްޔާގެ ވެރިންގެ ބޮލުގައި ރިޝްވަތުގެ ދޮގު ބަދުނާމު އަޅުވައި، ދިވެހި އަސްކަރިއްޔާގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަަސްއެޅަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހި އަސްކަރިއްޔާ ތަރައްޤީކޮށް ސިފައިންނަށް ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވައި، އިންޑިޔާ ކަނޑުގެ ހަމަޖެހުން ނަގައިލަން އުޅޭ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.

އެހެންކަމުން އެއްވެސް ޒިންމާދާރު ކަމެއް ނެތި، ހަގީގަތެއް ނެތް ވާހަކަ ފަތުރަމުންދާއިރު މި މައްސަލަ ތަހުގީގުކޮށް މި ކަމުގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހުސައިން މުހައްމަދު ރަޝީދު ވަނީ ސަރުކާރަށް ގޮވާލާފައެވެ،

ހުސައިން މުހައްމަދު ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ.