English Edition
Dhivehi Edition
ފޮޓޯ: އީމާން

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކަށް ކުއްޔަށް ބިން ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައި އެ ސަރަހައްދުތަކުން ކުލީބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ޓޫރިޒަމް ޒޯންތަކުގައި ޓޫރިޒަމާ ގުޅުންހުރި އެކިއެކި ވިޔަފާރިތައް ހިންގުމަށް އެ ސަރަހައްދުތަކުން ކުލީބިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި ގޮތުން ހިތަދޫ ޓޫރިޒަމް ޒޯނުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ ބިމުގައި ސްޕާގެ ހިދުމަތް ދިނުމުގެ ވިޔަފާރިކުރެވޭނެކަމަށް ބުނެފައިވާއިރު 4000 އަކަފޫޓުގެ ބިމަކީ ރެސްޓޯރެންޓް އަދި އެންޓަރޓެއިންމެންޓް ސެންޓަރުގެ ވިޔަފާރިކުރުމަށް ދޫކުރާ ބިމެކެވެ.

މަރަދޫ ޓޫރިޒަމް ޒޯނުން 2000 އަކަފޫޓުގެ 02 ބިން ވޯޓަރ ސްޕޯޓްސް އެންޑް ޑައިވިން އަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު 3000 އަކަ ފޫޓުގެ ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރެސްޓޯރެންޓް އަދި ސްޕާގެ ހިދުމަތަށެވެ.

ފޭދޫ ޓޫރިޒަމް ޒޯނުން 1500، 2000 އަދި 8000 އަކަފޫޓުގެ ހަ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އެ ބިންތަކަކީ ލޯންޑްރީ، ރެންޓަލް ސާވިސް، ސްޕާ، ރެސްޓޯރެންޓް އަދި އެންޓަރޓެއިންމެންޓް ސެންޓަރު، ވޯޓާ ސްޕޯޓްސް އަދި ސުވެނިއަރ ޝޮޕްގެ ވިޔަފާރި ހިންގުމަށް ދޫކުރާ ބިންތަކެވެ.

ހުޅުދޫ ޓޫރިޒަމް ޒޯނުން 2500 އަދި 4000 އަދި 5000 އަކަފޫޓުގެ ހަ ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު އެ ބިންތަކަކީ ރެސްޓޯރެންޓް އަދި އެންޓަރޓެއިންމެންޓް ސެންޓަރުގެ ވިޔަފާރި އާއި ޝޮޕް، ރެންޓަލްސް، ވިޒިޓަރސް ސެންޓަރ އަދި ސުވެނިއަރ ޝޮޕް، ސްޕާ އަދި ވޯޓާ ސްޕޯޓްސް ގެ ވިޔަފާރި ހިންގުމަށް ދޫކުރާ ބިންތަކެވެ.

މީގެ އިތުރުން މީދޫ ޓޫރިޒަމް ޒޯނުން 1500، 2000، 4000 އަދި 5000 އަކަފޫޓުގެ ފަސް ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު އެ ބިންތަކުގައި ޝޮޕް، ލޯންޑްރީ، ރެންޓަލްސް، ރެސްޓޯރެންޓް އަދި ސްޕާގެ ވިޔަފާރި ކުރެވޭނެއެވެ،

މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.