English Edition
Dhivehi Edition
02 ފެބުރުވަރީ 2021: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީ އާ ދޭތެރޭ ގާނޫނީ ފުށުއެރުންތަކެއް ހުރުމުން، މިހާރު ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވާލަން ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި، ކެމްޕޭނު ޓީމުތަކާއި އެކު ބޭއްވި ބައްދަލުވުމުގައި މިރޭ ކެންޑިޑޭޓަކު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅުންހުރި ބައެއް ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގައި މައްސަލަތަކެއް އުޅޭ ކަމަށާއި، މަސައްކަތްތައް ވެސް ލަސްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ކަމުން ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް ރައީސް ވިދާޅުވީ އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މިނިސްޓްރީގެ ހިނގުން އަވަސްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިނިސްޓްރީގެ އޮނިގަނޑަށް ގެެނެވޭ ބަދަލުތަކާއިއެކު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި މިކަމުގައި ސިޓީ ކައުންސިލްތަކަށްވެސް ކުރެވިދާނެ މަސައްކަތްތަކެއް ވެސް އެބަހުރިކަމަށެވެ. މި ގޮތުން ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ދޫކޮށްލެވިއްޖެ ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި އަދި މި ސަރުކާރުން އެ ދިމާލަށް މަސައްކަތްކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. .