English Edition
Dhivehi Edition

ދުނިޔޭގެ 5.3 ބިލިއަން އަހަރުގެ ދިގު ތާރީޚުގައި، 5 ފަހަރު ދުނިޔެ ފަނާކޮށްލި ބޮޑެތި ކާރިސާތަކާ ކުރިމަތި ވިއެވެ. ގުރަހިލައިގެ ސަބަބުންނާއި މިނޫންވެސް އެކިއެކި ގުދުރަތީ ސަބަބުތަކާހުރެ، ދުނިޔޭގެ ދިރޭތަކެތީގެ 75 އިންސައްތަ ދިރުން މިއަދު ވަނީ ނެތިގެން ގޮސްފައެވެ. 21 ވަނަ ގަރުނުގައި ދުނިޔެ ތަހުޒީބުވެ، ބަވަނަވަމުން އައިސް، އެފަދަ 6 ވަނަ ކާރިސާއަކާ މިއަދު އަޅުގަނޑުމެން މިވަނީ ކުރިމަތިލާފައެވެ. ނަމަވެސް، މިފަހަރުގެ ކާރިސާއަކީ ގުރަހިލައިގެ ސަބަބުން ކުރިމަތިވި އާފާތެއް ނޫނެވެ. މިއީ، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ކާރިސާއެކެވެ. އާދޭހެވެ. އަޅުގަނޑުމެން އިންސާނުންގެ ތަފާތު އެކިއެކި މުހުތާދުތައް ފުއްދުމުގެ ނިޔަތުގައި އަޅުގަނޑުމެން ވަނީ ދުނިޔޭގެ ވަލުތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ދީފައެވެ. މީގެ ސަބަބުން އެތަކެއް ދިރޭތަކެތީގެ ނަސްލުތައް ނެތި، އެތަކެއްޗަށް ވަނީ ބޮޑު އަރައްކަލަކާ ކުރިމަތި ވެފައެވެ. ކޮންމެޔަކަސް، އަޅުގަނޑުގެ ހިތުތެރޭގައި އުފެދޭ ސުވާލަކީ، ވަލުތެރެ ޙިމާޔަތްކޮށްގެން އަޅުގަނޑުމެންނަށް ވާނީ ކޮން ފާއިދާއެއް ބާވައެވެ؟ ވަލުތެރެ ޙިމާޔަތްކުރަން ޖެހެނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟

އިންސާނީ ނަސްލަކީ ކެއުމަށާއި ދިރިއުޅުމަށް އަދި މިނޫންވެސް ގިނަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަލުދިރުމަށް ބަރޯސާވާ ނަސްލެކެވެ. ދުނިޔޭގައި މާތްﷲ ލައްވަވާފައިވާ ދިރޭތަކެތީގެ 80 އިންސައްތަ ދިރުންތައް ނިސްބަތްވަނީ ޖަންގަލީ ވަލުތެރެއަށެވެ. މީގެއިން ކޮންމެ ދިރުމަކީވެސް އޭގެ ބޭނުން އިންސާނުން އެތްގޮތަށްވުރެ ގިނަ ގޮތްގޮތަށް ހިފާ އެއްޗެކެވެ. އެންމެ ފަސޭހަ މިސާލަކަށް ބަލާނަމަ، ހެނދުނުގެ ސަޔަށް ބޭނުންކުރާ ސައިފަތަކީ ގުދުރަތީ ގޮތުން ހެދިފައިވާ ގަހެއްގެ ފަތްތަކެކެވެ. ނިދަން އޮށޯންނަ އެނދު ހަދާފައި އެވަނީ ބިޔަ ޖަންގަލީ ގަހެއްގެ ލަކުޑިންނެވެ. މެންދުރުގެ ކެއުމަށް ސުފުރާމަތީގައިވާ ކާނާވެސް ހަމަ އެފަދައެވެ. ކަން މިހެންއޮތަކަސް، އިންސާނުންނަކީ ލިބިފައިވާ ނިޢުމަތްތަކަށް ޙަމްދުކޮށް ޝުކުރުވެރިވާ ބައެއް ނޫނެވެ. އަމިއްލަ ބޭނުން ފުދުނީމަ، ޖަންގަލީތަކަށް ގެއްލުންދީ، އެތަންތައް އަންދާ އަޅިއަށް ހަދާލުމީ “ސުމެއްގެ” ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި 48 އިންސައްތަ ވަލުތައް އަހަރެމެން ވަނީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ނައްތާލާފައެވެ. މިއީ، އެކަމެއްގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމެކެވެ. މިކަމުން އަރައިގަނެވެން އޮތް ހަމައެކަނި އުކުޅަކީ، އަހަރެމެންގެ ދިރިއުޅުން ބިނާވާ ވަލުތެރެ ޙިމާޔަތް ކޮށްގެންނެވެ.

ޒަމާނާއެކު އިންސާނީ ބޭސްވެރިކަންވެސް އަންނަނީ ދުވަހުން ދުވަހަށް ތަރައްޤީވަމުންނެވެ. އެކިއެކި ކުންފުނިތަކުން އެކިއެކި ނަންނަމުގައި ބޭސްތައް ބާޒާރަށް އަންނަނީ ނެރެމުންނެވެ. މީގެއިން ދައްކުވައިދެނީ އިންސާނުންނަށް ލިބިފައިވާ “އާދަޔާ ޚިލާފު” ބޭސްވެރިކަމުގެ ފަންނެއް ނޫނެވެ. “ވަން ގްރީން ޕްލެނެޓް” އިން ކޮށްފައިވާ ދިރާސާއަކުންދައްކާގޮތުގައި ތަފާތު ގިނަ ބަލިތަކަށް ފަރުވާ ލިއްބައިދޭ 50 އިންސައްތަ ބޭސް އަންނަނީ ވަލުދިރުންތަކުންނެވެ. އަދި ސަގާފީ ބޭސްވެރިކަމަށް ބޭނުންކުރާ މާއްދާތަކުގެ 90 އިންސައްތައަކީ ވަލުދިރުންތަކުން ލިއްބައިދޭ “ހަދިޔާ”އެކެވެ. ޒަމާނީ ބޭސްވެރިކަމަށް ބަލާނަމަ، އޭގެ އެންމެ ފައްކާ މިސާލަކީ މަޝްހޫރު އެންޓިބަޔޯޓިކްތަކެވެ. މި ބޭހަކީ، ފުލާއި ޖަރާސީމު ބޭނުންކޮށްގެން އުފައްދާ، އޭގެ ބޭނުން އިންސާނުންނަށް އަބަދުމެ ޖެހިފައި އޮންނަ އެއްޗެކެވެ. ބޭސްވެރިކަމުގައި ބޭނުންކުރާ މިފަދަ ގިނަ މާއްދާތަކަކީ ޒަމާންވީ ސުމޭކު ވަސީލަތްތަކުންވެސް އަޅުގަނޑުމެންނަށް ނުއުފެއްދޭ މާއްދާތަކެކެވެ. މިކަމުންވެސް ދޭހަވެގެންދަނީ، ވަލުދިރުމަށް އަޅުގަނޑުމެން ރައްކާތެރިނުވެއްޖެނަމަ، އަޅުގަނޑުމެންގެ ބޭސްވެރިކަމުގެ ނިޒާމު އެއްކޮށް ސުންނާފަތިވެގެން ހިނގައިދާނެކަމެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމަށެވެ. ދިވެހިރާއްޖެއަށް ބަލައިލިނަމަވެސް، ފަތުރުވެރިކަމަކީ ދިވެހި އިޤްތިޞާދުގެ “ރަން ބިސް އަޅާ ކުކުޅެވެ”. ދެކުނު އެމެރިކާގެ ބްރެޒިލްއަކީ އެ ޤައުމުގެ ގުދުރަތީ ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އިޝްތިހާރުކުރާ ބައެކެވެ. ބްރެޒިލްގެ އެމެޒަން ޖަންގައްޔަކީ ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު ޖަންގައްޔެވެ. އިންސާނުންނަށް ހޯދިފައިވާ ދިރޭތަކެތީގެ ތެރެއިން 10 އިންސައްތަ ދިރުން އެކުލިވެގެންވަނީ ހަމައެކަނި އެމެޒަންގައެވެ. މިއީ ގާތްގަނޑަކަށް 10 މިލިއަނަށްވުރެ ގިނަ ދިރުންތަކެވެ. މި ޖަންގަލީ ބަލައިލަން ކޮންމެ އަހަރަކު 700 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ބްރެޒިލްއަށް ޒިޔާރަތް ކުރެއެވެ. މީގެ އާޚިރު ނަތީޖާއެއްގެ ގޮތުން ބްރެޒިލްގެ ޖީ.ޑީ.ޕީގެ 6.8 އިންސައްތަ ބިނާވެފައިވަނީ ހަމައެކަނި އެމެޒަންގެ ފަތުރުވެރިކަމަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއިން ރަމްޒުކޮށްދެނީ، ވަލުދިރުމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ގެނުވާ ލާބައާއި މަންފާއެވެ. އަދި މި ދިރުންތައް ނެތިއްޖެނަމަ، ވާނެ ގެއްލުމެވެ. އާމްދަނީ ހޯދުމުގެ މި އުކުޅު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ދުނިޔޭގައި “އިކޯ-ޓުއަރިޒަމް”އަށް ބިނާވާ ކޮންމެ ޤައުމެއްގެވެސް ޒިންމާއަކަށް ހަދަންވީ، ވަލުދިރުންތައް ރައްކާތެރިކުރުމެވެ.

ތަބީއީ މީޒާން ނުވަތަ ގުދުރަތުގެ ނިޒާމަކީ ބިމުގެ ދިރުން ދަމަހައްޓާ މައިގަނޑު އެއް އަސާސެވެ. އިންސާނުންނާއި، ޖަނަވާރުންނާއި، ގަސްގަހާގެހި ދުނިޔޭގައި އެކަތި އަނެކައްޗަކަށް ބަރޯސާވެގެން އޮންނަ އޮތުމަކީ ގުދުރަތުން އެކަން ލައްވަވާފައިވާ ގޮތެވެ. ކާނާގެ ރައްކާތެރިކަން ފޯރުކޮށްދެނީ ތަބީޢީ މީޒާނުންނެވެ. އަޅުގަނޑުމެން އިންސާނުން ވަލުދިރުންތަކުގެ ތެރެއިން އެންމެ ބާވަތެއް ނައްތާލައިފިނަމަވެސް، ދުނިޔެއަށް ބޮޑު ކާރިސާއަކާ ކުރިމަތިވާނެކަމީ އެއްވެސް ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. މިހާރުވެސް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން 1 މިލިއަނަށްވުރެ ގިނަ ޖަނަވާރުން ތިބީ ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައެވެ. މަޝްހޫރު ޢިލްމުވެރިޔަކު ވިދާޅުވެފައިވާ ބަސްފުޅެއްގައި އައިސްފައި ވެއެވެ. “ދުނިޔެއިން ކުޅަނދުރު ނައްތާލައިފިއްޔާ އިންސާނުންނަށް ދިރިއުޅެން ބާކީ އޮންނާނީ އެންމެ 4 އަހަރެވެ. ސަބަބަކީ، ކުޅަނދުރު ނެތިއްޔާ ގަހެއް އާލާ ނުވާނެއެވެ. ގަހެއް ނެތިއްޔާ ޖަނަވާރެއް ނުތިބޭނެއެވެ. ޖަނަވާރެއް ނެތިއްޔާ އިންސާނުންނަކަށްވެސް ނޫޅެވޭނެއެވެ.” މިކަމުންވެސް ދޭހަވެގެންދަނީ ގުދުރަތުގެ ނިޒާމަށް ބުރޫ އަރާފަދަ

ޢަމަލުތައް ކުރުމުގެ ސަބަބުން އާޚިރުގައި ގެއްލުންވާނީ ހަމަ އިންސާނުންނަށް ކަމެވެ. ވަލުދިރުންތައް ރައްކާތެރިކުރަން ޖެހެނީ، އަޅުގަނޑުމެންގެވެސް މުސްތަޤްބަލަށްޓަކައި ކަމެވެ.

ނިންމާލަމުންވެސް ފާހަގަކޮށްލާނީ، މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ، އަޅުގަނޑުމެން މިއަދު ދުނިޔޭގެ ވަލުދިރުމުގެ ދުވަސް ފާހަގަކުރަމުން ދާއިރު، އެކަމަކާމެދު ވިސްނައި ފިކުރުކުރަން ޖެހޭ ކަންކަން ކަމެވެ. މިއަހަރުގެ ޝިޢާރުގައިވާ ފަދައިން ވަލުތެރެ އާއި ދިރިއުޅުން މިއީ އިންސާނުންނަށާއި ދުނިޔެއަށް ނުހަނު ބޭނުންތެރި ނިޢުމަތްތަކެވެ. ވަލުތެރެ ޙިމާޔަތްކޮށް ރައްކާތެރިކުރަންވީ އަޅުގަނޑުމެންގެ ދިރިއުޅުން ބަރުބާދުވިޔަ ނުދިނުމަށްޓަކައެވެ. އަޅުގަނޑުމެންގެ ތަބީޢަތާއި ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައެވެ. އަދި އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައެވެ. މިކަންތައްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވިއްޖެނަމަ، އަދަށްވުރެ ފެހި އަދި ފަހި މާދަމާއެއް އަޅުގަނޑުމެންނަށް ފަހިވާނެއެވެ.


މިއީ 2021ވަނަ އަހަރު ދުނިޔޭގެ ވަލުދިރުންތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރޮމެންޓް އެންޑް އެނަރޖީގެ ފަރާތުން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތަށް ހުށަހަޅާފައިވާ ލިޔުމެވެ.

ލިޔުނީ: މުޙައްމަދު ހިޒްޔަމް ހާމިދު، ސ.އަތޮޅު މަދަރުސާ