ޣައިރު ދީނުގެ އީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ހަރާމްކަމެއް ކަމަށާއި، މިފަދަ އަމަލުތަކުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
”ޣައިރުދީންތަކުގެ ޝިޢާރުތައް ފާޅުކުރުން” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ޝަޢީރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތް الله އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތައް ކަމަށާއި މާތް اللهގެ ޝަޢީރާތަކަށް މާތްކޮށް ހިތުމަކީ މި ޝަޢީރާތަކަށް ހިތްތަކުގައި މަތިވެރި މަގާމު ދިނުން ކަމަށެވެ.
ޚުތުބާގައި ބުނީ އިސްލާމްދީނުގެ ޝަޢީރާތަކުގެ ތެރޭގައި ވަކި މޫސުމަކާ ގުޅިފައިވާ ޝަޢީރާތައްވާ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ރޯދައަކީ ރަމަޟާން މަހާ ގުޅިފައިވާ ކަމެއް ކަމަށާއި، ހައްޖަކީ، ހައްޖު މޫސުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.
” އިސްލާމްވަންތަކަމާއި ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެއް. މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެން ނުވާނެ . އެއީ ޢަޤީދާ، އަޅުކަން، އަޚްލާޤު ނުވަތަ އާދަކާދައިގެ ކަމެއްގައި ވިޔަސް މެ” ޚުތުބާގައި ފާހަގަކުރައްވާފައި ވެއެވެ.
މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކްރިސްމަސް ގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
ރަސޫލާ ޙަދީޘެއްގައި ވަނީ ބަޔަކާ އެއް ގޮތަށް އުޅޭ މީހަކީ އެބަޔެއްގެ ތެރެއިން ވާ މީހެއް ކަމަށެވެ. އެފަދަ ހުރިހާ ބަސްފުޅުތަކަކުން ވެސް އެނގެނީ ޣައިރު ދީނުގެ އީދުތައް ފާހަގަކުރުމުގައި އަހުރެމެން މުސްލިމުން ބައިވެރިވުމަކީ ހަރާމްކަމެއްކަން ކަމަށް ބުނެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚާއްސަކޮށް މިފަދަ އަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމައުތައް ސަލާމަތްވާންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ހެޔޮ ލަފާ އިސްލާމީ މުޖުތަމައެއް ބިނާކުރެވޭނީ އިސްލާމީ ސަގާފަތް ފަތުރައިގެން ކަމަށާއި އިސްލާމީ އަގީދާއާއި އަޚުލާގުގެ މަތީގައި އާއިލާ ބިނާކުރެވިގެން ކަމަށެވެ. އިސްލާމީ މުޖުތަމައުގެ ބިންގަލަކީ އަގީދާ ކަމަށް ވާއިރު، ޣައިރު މުސްލިމުންގެ އީދުތަކާއި އެމީހުންގެ އަގީދާއާ ގުޅިފައިވާ ކަންކަމުގައި ބައިވެރިވުން ހަރާމްވުމަކީ، އެމީހުންނާ މެދު އިހުސާންތެރިވެ އަދުލުވެރި ނުވާންވީ ސަބަބެއް ނޫން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ދިނާއި އަގީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެއް ކަމަށް ބުންޏެވެ.