ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓުު، އަކްރަމް ކަމާލުއްދީނާއިކުރީ ސަރުކާރުގައި އެ މިނިސްޓްރީގައި ވަޒީފާ އަދާކުރި އިތުރު އިސް މުވައްޒަފުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މި މީހުންގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންނެވެ. އެނގިފައިވާ ގޮތުގައި ޕާސްޕާޓު ހިފަހައްޓަން އަމުރުކުރި ހަތަރު މީހުންނަކީ އަކްރަމް ކަމާލުއްދީން، ކުރީގެ ސްޓޭޓް މިނިސްޓަރު, މުޙައްމަދު އާރިފް، ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު, ޟިރުގަމް ވަހީދު،، ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި އަހްމަދު ވިޝާން ނަސީމް، ޑިރެކްޓަރު ޖެނެރަލް އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު “ބިންވެރިޔާ” ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ.
ވަގު ލިޔުން ހަދައިގެން ޝަރުތުހަމަނުވާ ބަޔަކަށް ގޯތިދިން މައްސަލައާ ގުޅިގެން ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި، ތަހުގީގަށް ސުވާލު ކުރެވުނު ފަރާތްތަކުން ބުނެފައިވަނީ ފޯޖުކުރި ލިޔުންތައް ދީފައި އޮތީ ކުރީ ސަރުކާރުން ކަމަށެވެ.
ގޯތި ވައްކަމުގެ މައްސަލަ ސަމާލު ކަމަށް އައީ ފަޒީލް ރަޝީދުގެ ޝަރުތު ހަމަނުވި ނަމަވެސް، އޭނާއަށް ގޯތި ދީފައިވާ ލިޔެކިޔުމެއް ސޯޝަލް މީޑިއާއަށް ލީކުވުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ފަޒުލް އާއި ފަޒީލްގެ އިތުރުން އެޗްޑީސީ އާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ އިސްވެރިންތަކެއް ސަސްޕެންޑްކޮށްފައެވެ.