English Edition
Dhivehi Edition

ގެއްލިގެން ހޯދަމުންދާ “ސީމެކްސް” ބޯޓުގެ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކަމަށާއި، ކުރިން ހުއްޓައިލިކަމަށް ބުނެވުނީ އޮޅިގެންކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓައިލި ކަމަށް މައުލޫމާތު ދެވިފައިވަނީ ކުށަކުން ކަމަށާއި، އެ ކަމަށް މައާފަށް އެދޭ ކަމަށެވެ.

މިދިޔަ ހޯމަދުވަހު އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި ސީމެކްސް ބޯޓުން ގެއްލުނު ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު ހޯދުމުގެ އޮޕަރޭޝަންގައި އެމިހާ ލައްގާނެ ކަމަށް ބެލެވޭ ތަންތަން ބަލައި، ބޭރު ބޯޓު ފަހަރުތަކުގެ އެހީތެރިކަން ހޯދަމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ފަޅުވެރިޔާ ހޯދުމުގެ މަސައްކަތުގައި މިމަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައެވެ. އަދި އިއްޔެ، ފުވައްމުލައް ވަށައިގެން ބަލައިފައިވާއިރު ވެސް، މިހާތަނަށް އެ މީހާއެއް ނުފެނެއެވެ.

މި ހާދިސާއާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައި ވަނީ، އޭނާ ބޯޓުގައި ނެތްކަން އެނގިފައި ވަނީ ފުވައްމުލައް ސިޓީއާ އަށް މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ފުލުހުން ބުނީ އެ ބޯޓު މިދިޔަ ހޯމަދުވަހުގެރޭ 11:30 ހާއިރު އައްޑޫ ސިޓީއިން ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށެވެ. އަދި އެރޭގެ 01:15 ހާއިރު ބޯޓުގެ ކެޕްޓަނާ އޭނާ ވާހަކަ ދެއްކިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް، އަދި ވަކީން ޚާއްސަކޮށް ރާއްޖޭގެ ދެކުނަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެ ގޮތުން ފުވައްމުލަކާއި އައްޑޫ ސިޓީ މި ވަގުތު ވެސް އޮތީ ޔެލޯ އެލާޓުގައެވެ. ކަމާބެހޭ ފަރާތްތަކުން ގެންދަނީ މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރަމުންނެވެ.