English Edition
Dhivehi Edition

ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒްއަކީ “މުނާފިގެއް”ގެ ގޮތުގައި ސިފަކޮށް އޭނާ ހައްޔަރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޮވާލައިފިއެވެ.

ޑރ. އިޔާޒަކީ މުނާފިގެއްގެ ގޮތުގައި ސިިފަކުރައްވާ އަލީ އާޒިމް ވިދާޅުވީ ދިވެހި މުޖުތަމައުގެ އިތުރުން، އިސްލާމީ އުންމަތް ބައިބައި ކުރާ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރަން ޖެހޭ ކަމަށެވެ.ޑރ. އިޔާޒް ހައްޔަރު ކުރުމަށް ގޮވާލާ އާޒިމް ވިދާޅުވީ އޭނާ ދޫކޮށްލައިފި ނަމަ، އަންހެން ދަރިން މަރަންވެސް ގޮވާލަފާނެ ކަމަށެވެ.

އެޗްޕީއޭއިން މިސްކިތުގައި ގައިދުރުކޮށް ޖަމާއަތް ހެދުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓުވިޓަށް ރައްދު ދެއްވަމުން އާޒިމް މިހެން ވިދާޅުވެފައިވާއިރު ޑރ.އިޔާޒް ވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ސަސްޕެންޑްކޮށްފައެވެ.

ޑރ، އިޔާޒް އެމްއެންޔޫ އިން ސަސްޕެންޑްކޮށްފައިވަނީ ސޯޝަލް މީޑިއާގައި ލިޔުއްވާ ބައެއް ލިޔުންތަކާ މެދު ލިބިފައިވާ ޝަކުވާތަކެއް ތަހުގީގުކޮށް ނިމެންދެން 14 ދުވަހުގެ މުއްދަތަށެވެ.

ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ކުރައްވާ ބައެއް ޓުވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން ވަނީ މިދިޔަ އަހަރު ވެސް އޭނާއަށް އިންޒާރު ދީފައެވެ.