English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށްޓަކައި ފޯމް ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުން ޕްރައިމަރީގައި ވާދަކުރުމަށް, ޕާޓީގެ 500 މެމްބަރުންގެ ތާއީދާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުން ފޯމް ހުށަހެޅުމަށް މާ ކުޑަ މުއްދަތެއް ދީފައިވާކަމަށް ބުނެ އެ ޕާޓީގެ އާންމު މެމްބަރުން ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނައިރު އަލީ އާޒިމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮންމެ ކަމެއް ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަނގަޅު ނުވާނެކަމަށެވެ. “ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަގަޅެއް ނުވާނެ. އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތި ލާނެކަމަށް @MohamedNasheed ވިދާޅުވަނިކޮށް ރަށުގައިވެސް ވަޑައިންނޫޅުއްވަނީސް ތިޔަ ދިނީ އެންމެ 5 ދުވަހުގެ މުއްދަތެއް.” އަލީ އާޒިމްގެ ޓުވިޓްގައި ވިދާޅުވިއެވެ.

ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި ޕްރައިމެރީގައި ވާދަކުރައްވާނެކަން އަދި ރަސްމީކޮށް އިއުލާންކުރައްވާފައެއް ނުވެއެވެ.