ގާމެއް ނުލިބުމުން ސަރުކާރަށް ހިތު ހުރިހާ އެއްޗެއް ގޮވަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީސް ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެކި ސަރުކާރުތަކުން އުފައްދާފައިވާ 36 ކުންފުންޏެއް ހިންގާ އިރު، އޭގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ދޭން ތިބީ އެންމެ 10 ކުންފުނިކަމަށެވެ. މިއީ ވަކި މީހަކަށް ނުވަތަ ވަކި ސަރުކާރަކަށް އަމާޒުކޮށް ދައްކާ ވާހަކައެއް ނޫންކަމަށާއި މި ސަރުކާރުން ވެސް “ހިންގާލަން” 12 ކުންފުންޏެއް އުފައްދާފައިވާކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އަދި މި ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މެމްބަރު އާޒިމްގެ ވާހަކައަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް 65 ގޮނޑި ދިނީ ސަރުކާރަށް އެއްބާރުލުން ދޭންކަމަށެވެ. “މަގާމެއް ނުލިބުމަކީ އަދި މި ތަނުގައި ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ސަރުކާރާ ދިމާލަށް ހިތު ހުރިހާ އެއްޗެއް ގޮވުމެއް ނޫން. މަގާމަކަށް ނުހޮވުނީމަ ދެން ތިބި މީހުންނަށް ވަރުބާލާކަށްވެސް ނުޖެހޭ.” ރޮޒައިނާ ވިދާޅުވިއެވެ.
“ހިންގާލަން” އަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބޭނުން ކުރައްވާ ކެމްޕެއިން ސްލޯގަންއަށްވާއިރު އެ މިނިސްޓްރީގެ މަސައްކަތްތަކަށް ރޮޒައިނާ ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. މި ގޮތުން އިކޮނޮމިކް މިނިސްޓްރީން މިހާރު ވެސް ގިނަ މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ ކޮވިޑްގެ ހާލަތުން އަރައިގަނެވުނީ ވެސް އެ މިނިސްޓްރީގެ ދުރު ވިސްނޭ ސިޔާސަތުގެ ސަބަބުންކަމަށެވެ. އިތުރަށް ރޮޒައިނާ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ވިޔަފާރިތަކަށާއި ވަޒީފާތައް ގެއްލުނު މީހުންނަށް ދިން އެހީ އާއި ރިސޯޓްތައް އޮޕަރޭޝަނަށް ގެނެވުނީ ވެސް މިނިސްޓްރީގެ މިންނެތް މަސައްކަތުންކަމަށެވެ.